ބޮޑު ވައްކަމެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ, ށ. ފޯކައިދޫ ދެ މީހުން, އެ ދެ މީހުންގެ ވެސް މަންމަ ޑަޔަލިސިސް ހަދަން ޖެހޭތީ ބަންދުން ދޫކޮށް ދިނުމަށް ކޯޓުގައި އެދިއްޖެއެވެ.

ތިލަފުށީ ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ އޮކްޓޫބަރު މަހު, ހައްޔަރުކޮށްފައިވަނީ، ށ. ފޯކައިދޫ, ޗަނބޭލީގޭ، ހަސަން ރަޝީދު އަހްމަދު, 30, އަދި ށ. ފޯކައިދޫ، ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހް, 27, އެވެ.

އެ ދެ މީހުން ވެސް ވަނީ ކުރި ކުށަށް ތަހުގީގުގައި އިއުތިރާފް ވުމަށް ފަހު, ޕްރޮސިކިއުޓާ ޖެނެރަލްއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދުމަށް އެދިފައި ކަމަށް ކޯޓު އަމުރުގައިވެއެވެ.

އެ ދެ މީހުންގެ ކޯޓު އަމުރުގައި ވެސް ބުނެފައި ވަނީ އެ މީހުން ބަންދަށް ލުޔެއް ދިނުމަށް އެދޭ ކަމަށެވެ. ސަބަބެއް ކަމަށް ދެ މީހުން ވެސް ބުނެފައި ވަނީ މަންމަ ޑަޔަލިސިސް ހަދަން ޖެހުމާއި ތުއްތު ދެ ކުދިން ބަލަން ޖެހޭތީ ކަމަށެވެ.

ނަމަވެސް މައްސަލަ ބެއްލެވި ޤާޞީ ޞަފްޢަތު ޚަބީބު ވަނީ އެ ދެ މީހުންގެ ބަންދަށް ވެސް އިތުރު 30 ދުވަސް ޖަހައިފައެވެ.

ކޯޓު އަމުރުން އެނގޭގޮތުގައި އެ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށަކަށެވެ.

އެ ދެ މީހުންނަކީ ވެސް މީގެ ކުރިން ބަންދު ކޮށްފައިވާ ދެ މީހުންނަށް ވާއިރު އެ މީހުންނަށް މި ފަހަރު ކުރެވޭ ތުހުމަތާ ގުޅިގެން މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް, ދައުވާ ކުރުމަށް ވަނީ ފޮނުވައިފައެވެ.