ސްރީ ލަންކާގެ ކުރީގެ ރައީސް އަދި ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމަސިންހައަށް ހިޔާނާތުގެ ތުހުމަތުތަކެއް ކުރެވޭއިރު, މިއަދު ހެނދުނު ވަގުތެއްގައި އިންޑިއާގެ ޗެންނާއީއަށް ފުރާވަޑައިގެންފި ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެކަން ކަޓޫނާޔަކޭގެ ބަންޑާރަނައިކޭ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައިވާ ކަމަށްވެސް މިޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ވިކްރަމްސިންހާގެ އަރިހުގައި އަނބިކަނބަލުން ޕްރޮފެސާ މައިތުރީ ވިކްރަމަސިންގޭ ވެސް އިންޑިއާއަށް ފުރާވަޑައިގެން ކަމަށް އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ޗެންނާއީއަށް ފުރާވަޑައިގަތީ މިއަދު ހެނދުނު 8.40 ހާއިރު ސްރީލަންކަން އެއާލައިންސްގެ ފްލައިޓް ޔޫއެލް 121 އިން ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އިދިކޮޅު ބައެއް ޕާޓީތަކުން އިންތިޒާމްކޮށްގެން ސަރުކާރާ ދެކޮޅަށް ބާއްވާ ރެލީއެއް މިއަދުގެ ވަގުތެއްގައި ނޫގޭގޯޑާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ވިކްރަމްސިންހާ ހައްޔަރުކުރީ މިއަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ހަ އެ ދުވަހު ސިއްޙީ ހާލަތު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކުރިއެވެ.

އޭގެފަހުން އޮގަސްޓު 26 ވަނަ ދުވަހު އެމަނިކުފާނު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާނާގައި ބޭއްވި ޖީ77 ސަމިޓާއި ނިއު ޔޯކްގައި ބޭއްވި އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަތް މަގުމަތީ އިނގިރޭސިވިލާތުގައި މަޑުކުރައްވައި އަނބިކަނބަލުންގެ ޕީއެޗްޑީ ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވެ ވަޑައިގަތުމުގެ ތުހުމަތެވެ. މި ދަތުރަށް ދައުލަތުން 55،000 ޑޮލަރު ހޭދަކޮށްފައި ވާއިރު އަމިއްލަ ބޭނުމެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަކީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ދޭހާސް ބާވީސް ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ލަންކާގެ ރައީސްކަން ކުރެއްވި ރަނިލްއަކީ އޭގެކުރިން ބޮޑުވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ރަނިލްއަކީ ފަހުގެ ތާރީޙެއްގައި ލަންކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހައްޔަރު ކުރެވުނު ފުރަތަމަ ބޭފުޅާއެވެ.

ރަނިލް 2022 ވަނަ އަހަރު ރައީސްކަމާ ހަވާލުވެ ވަޑައިގަތީ ލަންކާއަށް ބޮޑު އިގްތިސާދީ ކާރިސާއެއް ކުރިމަތިވެ، އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނިކުތުމުން ގޮތަބަޔާގެ ވެރިކަން ވެއްޓުމުންނެވެ.

ވަރުގަދަ މުޒާހަރާތަކެއްގެ ސަބަބުން, ކޮންޓްރޯލް ގެއްލި އިސްތިއުފާ ދެއްވި, ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝައިހް ހަސީނާ ވެސް ހުންނެނީ އިންޑިއާގައެވެ. ދާދި ފަހުން ހަސީނާ މަރަން ބަންގްލަދޭޝް ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. އެއަށްފަހު ހަސީނާ, ބަންގްލަދޭޝް ސަރުކާރާ ހަވާލު ކުރަން ވެސް އެދުނެވެ. ނަމަވެސް ހަސީނާ ހުންނެވި އިންޑިއާގެ ހިމާޔާތުގައި އެ ގައުމުގައެވެ.