އިންޑިއާއިން އަންނަ އަހަރުގެ އޮސްކާ އެވޯޑުގެ އެންމެ މޮޅު ބޭރު ފީޗާ ފިލްމު ކެޓަގަރީއަށް ފޮނުވަން ހޮވާފައިވާ ފިލްމު "ހޯމްބައުންޑް" ނެޓްފްލިކްސްގައި ޕްރީމިއާކޮށްފިއެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއަށް ޑައިރެކްޓަރު ނީރަޖް ގިވާން އުފައްދައިދީފައިވާ "ހޯމްބައުންޑް" ނެޓްފްލިކްސްއަށް ސްޓްރީމިންއަށް ދޫކޮށްލީ މިއަދުއެވެ.

މިދިޔަ ސެޕްޓެންބަރު މަހުގެ 26ގައި ސިނަމާތަކަށް ދޫކޮށްލި މި ފިލްމަކީ ބެލުންތެރިންނާއި ކްރިޓިކުންގެ ލޯބި ވެސް ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ. ޑައިރެކްޓަރު ނީރަޖް 2015 ވަނަ އަހަރު ގެނެސްދިން ފިލްމު "މަސާން"އަކީ ވެސް ބެލުންތެރިންނާއި ކްރިޓިކުންނަށް ވަރަށް ކަމުދިޔަ ފިލްމެކެވެ.

މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ޕްރީމިއާކޮށް ދާދި ފަހުން ބޭއްވި ޓޮރޮންޓޯ އިންޓަނޭޝަނަލް ފެސްޓިވަލް (ޓީއައިއެފްއެފް)ގައި ފިލްމު ދެއްކިއިރު ފިލްމުގެ ކާސްޓުންގެ ޝަރަފުގައި "ސްޓޭންޑް އޮވޭޝަން"އެއް ވެސް މި ފިލްމަށް ވަނީ ލިބިފައެވެ.

ފިލްމު "ހޯމްބައުންޑް"ގެ ޕްރޮޑަކްޝަން ޓީމް--ފޮޓޯ/ފިލްމުފެއަ

ފިލްމު "ހޯމްބައުންޑް"ގެ ލީޑް ތަރިންނަކީ 2018 ވަނަ އަހަރު ފިލްމު "ދަޅަކް"އިން އެކީގައި ބޮލީވުޑަށް ތައާރަފުވި އިޝާން ހައްތަރާއި ބަތަލާ ޖާންވީ ކަޕޫރުގެ އިތުރުން އާއްމުކޮށް ސަޕޯޓިންގް ރޯލްތަކުން ފެންނަ އެކްޓަރު ވިޝާލް ޖެތުވާއެވެ.

ފިލްމު "ހޯމްބައުންޑް"އަކީ ނީރަޖްއެކޭ އެއްފަދައިން އިންޑިއާއަށް ނިސްބަތްވާ އެތައް ބައެއްގެ ވާހަކަތައް ކިޔައިދޭ ފިލްމެއް ކަމަށާއި ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ މަގުބޫލު ސްޓޭޖަކުން އެ ފިލްމަށް ސަމާލުކަން ލިބުމަކީ ބަޔާން ކުރަން ވެސް ދަތި އުފަލެއް ލިބޭ ކަމެއް ކަމަށް ނީރަޖް ވަނީ ބުނެފައެވެ.

މި ފިލްމަކީ ވަރަށް ގިނަ ދުވަސްތަކެއްގެ މަސައްކަތް ކަމަށާއި މިއީ ޑައިރެކްޓަރު ނީރަޖް ވަރަށް ލޯބިން އުފެއްދި އޭނާގެ ކެރިއަރުގެ އެންމެ ޚާއްސަ އެއް ފިލްމު ކަމަށް ވަނީ ބުނެފައެވެ.

މި ފިލްމު އޮސްކާއަށް ފޮނުވަން އިންޑިއާގެ ފިލްމު ފެޑެރޭޝަނުން ނިންމުމާ ގުޅިގެން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނީ މިއީ ދަރުމާ ޕްރޮޑަކްޝަންއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.