23 Aug 2012, 12:30
އައްޑޫ ސިޓީގެ ފޭދޫ މެޖިސްޓްރޭޓް ކޯޓާއި ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފޮނުވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި ފޭދޫ ދާއިރާގެ ކައުންސިލަރު އަހުމަދު މިރުޒާދު (މިރްޒާ) ހިމެނޭ މައްްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފި އެވެ.
ފޭދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގައި ދައުވާ ކުރާ މީހުންގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު ސ. ފޭދޫ މަގުމަތީގޭ، އަހުމަދު މިރުޒާދުހިމެނެ އެވެ. އަދި ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގައި ދައުވާ ކުރަން ފޮނުވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) ހިމެނެވެ.
ޕީޖީ އޮފީހުން ބުނީ ފޭދޫ ކޯޓާއި ގަމު ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގައި އެ ދެ ބޭފުޅުންގެ އިތުރުން ޖުމްލަ 40 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ޕީޖީ އޮފީހުން އެ މައްސަލަ ކޯޓަށް ހުށަހެޅި ދުވަހު ކޯޓުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހުށަހެޅި ދުވަހު ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައި،" އޮފިޝަލް ވިދާޅުވި އެވެ.
ފޭދޫ ކޯޓާއި ގަމު ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގެ އިތުރުން ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައިގައި 13 މީހެއްގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އޭގެތެރެއިން 12 މީހެއްގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ހުޅުދޫ ކޯޓުގައި ހުޅުޖެހި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ މައްޗަށް އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް އަންނަ މަހުގެ 11 ވަނަ ދުވަހު އޮންނާނެ ކަމަށެވެ.
މީގެ އިތުރުން އައްޑޫ ސިޓީގެ ޕީޖީ އޮފީހާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ އިތުރުން "ކޯހެރެ" ނަމަކަށް ކިޔާ ކެފޭއެެއްގައި ހުޅުޖެހި މައްސަލައިގައި 21 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ވެސް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފަ އެވެ. އެ މީހުންގެ ތެރޭގައި 50 އަހަރުގެ އަންހެނަކު ވެސް ހިމެނެ އެވެ.
ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ އެކި ތަންތާގައި ހުޅުޖެހި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު ބަޔެއްގެ މައްސަލަ އަދިވެސް ޕީޖީ އޮފީހުގައި އެބަހުއްޓެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލަތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.