ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރު ލީޑް ރޯލް ކުޅުނު ފިލްމު "ނީރްޖާ" ގެނެސްދިން ޑައިރެކްޓަރު ރާމް މަދްވާނީގެ ވަރަށް ވަރުގަދަ ތުރިލާއަކަށް އެކްޓަރު ޓައިގާ ޝްރޮފް ސޮއިކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމަކީ މަހާވީރު ޖެއިން ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ވަރަށް ވަރުގަދަ ރޫހާނީ އެކްޝަން ތުރިލާއެކެވެ.

މި ފިލްމުގެ މަސައްކަތް ވެސް މިހާރު ފެށިފައިވާއިރު ޓައިގާ ފިލްމުގައި ފެންނާނީ މިހާތަނަށް ބެލުންތެރިންނަށް ފެނިފައިނުވާ ފަދަ ކެރެކްޓާއަކުން ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ.

ފިލްމު "ނީރްޖާ"ގެ ޕޯސްޓަރެއް އަދި އެ ފިލްމުގެ ޑައިރެކްޓަރު ރާމް މަދްވާނީ--ފޮޓޯ/ފިލްމުފެއަ

މަދުވާނީ ފިލްމްސް ބެނާގެ ދަށުން ގެނެސްދޭ މި ފިލްމަކީ މިހާތަނަށް އިންޑިއާގެ ސިނަމާތަކަށް ވެސް މުޅިން އާ ތަޖުރިބާއަކަށް ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމުގައި ޓައިގާ ކުޅޭ ކެރެކްޓާއަށް ހާއްސަ ތަމްރީނުތަކެއް އެކްޓަރު ފުރިހަމަކުރަން ހަމަޖެހިފައިވާއިރު މި ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިންގް ބޭއްވުމަށް ނިންމާފައި ވަނީ ޖަޕާނުގައެވެ. ފިލްމުގެ ލީޑް ރޯލަށް ޓައިގާ ހޮވާފައިވާއިރު އެކްޓަރާ އެކު ލީޑް ބަތަލާގެ ރޯލަށް ގެންނާނެ ތަރިއަކު ހޮވުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޤައުމީ އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ "ނީރްޖާ"ގެ ޑައިރެކްޓަރު ރާމް މާދްވާނީ އުފައްދާފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭ "ދަމާކާ" އަދި "އޫޗާއީ" ހިމެނެއެވެ.

ބޮލީވުޑްގެ ޒުވާން ސްޓަންޓް އެކްޓަރު ޓައިގާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މި އަހަރުގެ ސެޕްޓެންބަރު މަހު ރިލީޒްކުރި ފިލްމު "ބާޣީ 4"އެވެ. ފިލްމު "ބާޣީ" އަކީ ޓައިގާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފްރެންޗައިސްއެވެ.