21 Nov 2025, 10:09
އިންޑިއާގެ އެކްޓަރު އަޖޭ ދޭވްގަންގެ ކެރިއަރުގެ އެންމެ މަގުބޫލު ފްރެންޗައިސް ފިލްމުތަކުގެ ތެރޭ ހިމެނޭ "ރެއިޑް"ގެ ތިންވަނަ ބައެއް އުފައްދަން ނިންމައިފިއެވެ.
މި ފިލްމަކީ ޓެކުހަށް މަކަރުހަދާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި ކަމާބެހޭ އިދާރަތާކާ އެ މީހުން ހަވާލުކުރުމަށް ޓެކްސް އޮފިސަރަކާއި އޭނާގެ ޓީމުންކުރާ މަސައްކަތްތައް ދައްކުވައިދޭ ފްރެންޗައިސްއެކެވެ.
ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކުރި "ރެއިޑް"ގެ ފުރަތަމަ ބައި ގެނެސްދިނީ 2018 ވަނަ އަހަރެވެ. މި ސީރީސްގެ ތިންވަނަ ފިލްމެއް ގެނެސްދޭން ނިންމީ މި އަހަރު ރިލީޒްކުރި "ރެއިޑް 2"އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާ ގުޅިގެންނެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމާ ހަވާލާދީ ޕިންކްވިލާއިން ބުނި ގޮތުގައި މި ފްރެންޗައިސްގެ ތިންވަނަ ބައިގެ ޝޫޓިންގް ފަށަން ހަމަޖެހިފައިވަނީ އަންނަ އަހަރެވެ.

ފިލްމު "ރެއިޑް 2"ގެ މަންޒަރެއްގައި އަޖޭ އާއި ރިތޭޝް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ފިލްމު "ރެއިޑް 3"ގެ ވެސް ތީމަކަށް ވާނީ ޓެކްސްއާ ގުޅުންހުރި ތީމެއް ކަމަށާއި ނަމަވެސް ތިންވަނަ ބައިގައި ގެނެސްދޭ ވާހަކަ ހުރިހާ ގޮތަކުން ވެސް ފުރިހަމަވެފައި ޝައުގުވެރިވާނެ ކަމަށް ޕިންކްވިލާގައި ބުނެފައިވެއެވެ.
ޓީ-ސީރީސްއިން ޕްރޮޑިއުސްކޮށް މި އަހަރުގެ މެއި މަހު ގެނެސްދިން "ރެއިޑް 2"ގެ ކާސްޓުންގެތެރޭ އަޖޭގެ އިތުރުން ރިތޭޝް ދޭޝްމުކް އަދި ބަތަލާ ވާނީ ކަޕޫރު ވެސް ހިމެނެއެވެ.
އެންމެ 120 ކްރޯޑު ރުޕީސް (14 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި "ރެއިޑް 3" ތިއޭޓަރުތަކުން ނެގިއިރު ފިލްމަށް ލިބުނު ޖުމުލަ އާމްދަނީގެ އަދަދަކީ 243.06 ކްރޯޑު ރުޕީސް (27.4 މިލިއަން ޑޮލަރެ)ވެ.
މި ފިލްމުގެ ލީޑް އެކްޓަރު އަޖޭ ދޭވްގަން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"އިންނެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ސީކުއަލްއެކެވެ.