މިއަދު އެމެޒޯން ޕްރައިމްގައި ޕްރީމިއާކުރި ސީރީސް "ދަ ފެމިލީ މޭން" އުފެއްދީ އޭރު މަސައްކަތް ފެށި ދެ ފިލްމެއް ހުއްޓާލުމަށް ފަހު ކަމަށް އެ ސީރީސްގެ މޭސްތިރިން ކަމަށްވާ ރާޖާއި ޑީކޭ ބުނެފިއެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "ދަ ފެމިލީ މޭން"ގެ ޚިޔާލު ލިބުނުއިރު ދެ މީހުން ވެސް ތައްޔާރުވަމުން ދިޔައީ ވަރަށް ވަރުގަދަ ދެ އެކްޝަން ފިލްމެއް އުފެއްދުމަށް ތައްޔާރުވަމުން ކަމަށް ރާޖާއި ޑީކޭ ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެ ފިލްމުގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލުމަށް ފަހު ސިކުނޑިއަށް ވެރިވި "ދަ ފެމިލީ މޭން"ގެ ޚިޔާލު އިތުރަށް ތަރައްޤީކޮށް ސީރީސްއެއް ގޮތަށް އުފައްދަން ނިންމީ އެއިން ނުކުންނާނެ ނަތީޖާއަކާ މެދު މާ ބޮޑު ފަރުވާލެއް ނެތި ކަމަށް ދެ މީހުން ވަނީ ބުނެފައެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރާޖާއި ޑީކޭގެ އެ ވިސްނުމުގެ ނަތީޖާއަށް ނިމުން އައީ ވަރަށް ފޮނިކޮށް ކަމަށާއި "ދަ ފެމިލީ މޭން"އަށް ލިބެމުން އަންނަ ކާމިޔާބީއާ މެދު މިއަދު އުފާކުރާ ކަމަށް ވަނީ ބުނެފައެވެ.

"ދަ ފެމިލީ މޭން"ގެ ލީޑް އެކްޓަރު މަނޯޖް ބަޖްޕައީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ނެޝަނަލް އެވޯޑު ވެސް ހާސިލުކޮށްފައިވާ އިންޑިއާގެ އެކްޓަރު މަނޯޖް ބަޖްޕައީ ލީޑް ރޯލް ކުޅޭ "ދަ ފެމިލީ މޭން"ގެ ފުރަތަމަ ސީޒަން ޕްރިމިއާކޮށްފައިވަނީ 2019 ވަނަ އަހަރެވެ. ފުރަތަމަ ސީޒަންއަށް ލިބުނު ހޫނު ތަރުހީބާ އެކު ދެވަނަ ސީޒަން އުފެއްދުމަށް ބޮޑު ހިތްވަރެއް ލިބި އޭގެ ދެ އަހަރު ފަހުން 2021ގައި ދެވަނަ ސީޒަން އެމެޒޯންއިން ވަނީ ގެނެސްދީފައެވެ.

މި ވެބް ސީރީސްއަކީ ސަރުކާރުގެ ސިއްރު އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހަކު އޭނާ އަދާކުރާ ވަޒީފާ އާއިލާ ސިއްރުކޮށް، އެ ޒިންމާއާ އެކު އާއިލާގެ ޒިންމާ އަދާކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ބިނާކޮށް އުފައްދަމުން އަންނަ ސީރީސްއެކެވެ.

މިއަދު ޕްރީމިއަކުރި ތިންވަނަ ސީޒަންއިން ފިލްމީ ތަރިން ކަމަށްވާ ޖައިދީޕް އަހްލަވާތު އަދި ނިމްރަތު ކޯރު ވެސް މުހިއްމު ރޯލްތަކުން ފެންނާނެއެވެ.