21 Nov 2025, 14:07
އިންސާނީ ވަގު ވިޔަފާރި ނުވަތަ ހިއުމަން ޓްރެފިކިން މައްސަލައެއްގައި ފިލިޕީންސްގެ ކުރީގެ މޭޔަރާއި އިތުރު ހަތް މީހަކު އުމުރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ޖަލު ހުކުމްގެ އިތުރުން ދެ މިލިއަން ޕެސޯސް ނުވަތަ 33،832 ޑޮލަރުން ޖޫރިމަނާވެސްކޮށްފައެވެ.
މޭޔަރުގެ މައްޗަށް ވަނީ ޗައިނާއަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުވެސްކޮށްފައެވެ.
ވެރިރަށް މެނިލާގެ އުތުރުގައި އޮންނަ ރަށެއްގެ މޭޔަރުގެ މަގާމު އަދާކުރެއްވި އުމުރުން 35 އަހަރުގެ އެލިސް ގުއޯގެ މައްޗަށް ބުރާސްފަތި ދުވަހު ވަނީ ގޭމްބްލިންގް ސެންޓަރެއް ހިންގުމުގެ ކުށް ސާބިތުވެފައެވެ.
އެ ސްޓޭޓްގެ ޕީޖީ އޮލިވިއާ ޓޮރެވިލާސް ވިދާޅުވީ ގުއޯ ފިލިޕީންސް އިން ފިލައިގެން ގޮސް އުޅެނިކޮށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އިންޑޮނޭޝިއާއިން ހައްޔަރުކުރި ކަމަށެވެ.
މިދިޔަ އަހަރު މާޗް މަހު ފުލުހުން ވަނީ ގުއޯ ހިންގާ ގޭމްބްލިންގް ސެންޓަރަށް ވަދެފައެވެ. އެ ސެންޓަރުގައި އޮފީސް އިމާރާތްތަކާއި އަގުބޮޑު ވިލާތަކާއި ބޮޑު ސްވިމިން ޕޫލެއްވެސް އޮވެއެވެ. ފުލުހުން އެތަނަށް ވަދެ ބަލައި ފާސްކުރީ އެ ތަނުގައި މަސައްކަތްކުރަން އުޅުނު ވިއެޓްނާމަށް ނިސްބަތްވާ މީހަކު ފިލައިގެން ނިކުމެ، ރިޕޯޓުކުރުމުންނެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުންނަށް ވަނީ އެތަނުގައި އޮންލައިން ސްކޭމްތައް ހިންގުމަށް މަޖުބޫރުކުރުވާފައެވެ.

ފިލިޕީންސްގެ ސްޓޭޓް ޕްރޮސެކިއުޓަރު އޮލިވިއާ ޓޮރެވިލާސް، ގުއޯގެ ހުކުމާއި ހުކުމް އިއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަނީ. ފޮޓޯ/އޭއެފްޕީ
އެތަނުން 700 އަށް ވުރެ ގިނަ ފިލިޕީންސް، ޗައިނާ، ވިއެޓްނާމް، މެލޭޝިއާ، ޓައިވާން، އިންޑޮނޭޝިއާ އަދި ރުވާންޑާ މީހުން ފެނިފައިވާއިރު، ގުއޯ އަކީ އެ ކޮމްޕައުންޑްގެ ވެރިފަރާތްކަން އެނގޭ ލިޔެކިޔުންތައްވެސް ވަނީ ފެނިފައެވެ.
ފިލިޕީންސްގެ އެންޓި އޯގަނައިޒްޑް ކްރައިމް ކޮމިޝަންގެ ތަރުޖަމާނަކު ނޫސްވެރިންނަށް ވިދާޅުވީ ގުއޯ އާއި އިތުރު ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ ކޮމްޕައުންޑް ތެރޭގައި ޓްރެފިކް ކުރުމުގެ މަސައްކަތް ރޭވި ކަމުގެ މައްސަލައެވެ. އަދި އިތުރު ހަތަރު މީހެއްގެ މައްޗަށް އެކަން ކުރި ކަން ސާބިތުވެފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ގުއޯ އަކީ ފިލިޕީންސްއަށް އުފަން މީހެއް ނޫނެވެ. ނަމަވެސް ފުރާވަރުގެ އުމުރުގައި އާއިލާއާއެކު ޗައިނާއިން ފިލިޕީންސްއަށް ހިޖުރަކުރި މީހެކެވެ. ފިލިޕީންސްގެ ކަމާބެހޭ ފަރާތްތަކުން ބެލި ބެލުމުން ފަހުން އެނގުނު ގޮތުގައި އޭނާގެ އިނގިލީގެ ނިޝާން ގުއޯ ހޫއާ ޕިންގް ކިޔާ ޗައިނާގެ ރައްޔިތެއްގެ އިނގިލީގެ ނިޝާނާ ގުޅެއެވެ.
ބަމްބަން ޓައުންގެ މޭޔަރު ކަމަށް ގުއޯ އިންތިޚާބުވި ނަމަވެސް، ޗައިނާގެ ރައްޔިތަކަށް ވާތީ އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތު ހަމަނުވާ ކަމަށް މެނިލާގެ ކޯޓަކުން ޖޫން މަހު ވަނީ ހުކުމްވެސް ކޮށްފައެވެ.
ފާއިތުވި އަހަރުތަކުގައި ދެކުނު އިރުމަތީ އޭޝިއާގައި ސައިބާ ސްކޭމް އިންޑަސްޓްރީ ކުރިއަރާފައިވާއިރު، ޚާއްސަކޮށް ކެމްބޯޑިއާ، މިޔަންމާ އަދި ފިލިޕީންސްގައި އެތައް ހާސް ސްކޭމަރުންނެއް އޮންލައިންކޮށް ހިންގާ ވަގު ވިޔަފާރީގައި ބައިވެރިވާ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.