21 Nov 2025, 10:04
މީގެ އަހަރުތަކެއް ފަހުން އަންނަން އޮތް ޖީލުގެ ކުދިން މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ މަތިން ހަނދާން ނުހުންނާނެ ކަމަށް ބޮލީވުޑް އެކްޓަރު ވިވެކް އޮބްރޯއި ބުނެފިއެވެ.
ޕިންކްވިލާގެ ޝޯއެއްގައި ވާހަކަދައްކަމުން ވިވެކް ބުނީ, ތާރީޚުގައި ކަންކަން ހިނގާފައި ހުރި ގޮތުގެ ތަޖުރިބާގެ އަލީގައި ބުނެވެން އޮތީ ސްޓާޑަމްއަކީ ތާއަބަދު ދެމި އޮންނާނެ އެއްޗެއް ނޫން ކަމަށެވެ. އޭގެ މިސާލެއް ދައްކަމުން ވިވެކް ބުނީ, ކުރީގެ ފިލްމު އުފެއްދުންތެރިޔާ އަދި މަޝްހޫރު އެކްޓަރު ރާޖް ކަޕޫރު އެއީ ކާކުން ނޭނގޭ މީހުން މިހާރު ވެސް ގިނަވާނެ ކަމަށެވެ.
އެގޮތުން, މި ޒަމާނުގެ ކުދިން ރާޖް ކަޕޫރު ދަންނަނީ ރަންބީރު ކަޕޫރުގެ ކާފަގެ ގޮތުގައި ކަމަށާއި އެއީ ހިންދީ ސިނަމާގެ ކިހާ މަޝްހޫރު އެކްޓަރެއްކަން ދަންނަ ޒުވާނުން މަދުވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ވަނީ ބުނެފައެވެ.

ވިވެކް އޮބްރޯއި ބަތަލާ ރާނީ މުކަރުޖީއާ އެކު ފިލްމު "ސާތިޔާ"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ
ނަވާރަސަތޭކެ ފަސްދޮޅަހުގެ އަހަރުތަކުގެ ފިލްމުތައް މަތިން މިހާރު ހަނދާން ހުރީ ކިތައް މީހުން ކަމާމެދު ވެސް ސުވާލު އުފެދޭ ކަމަށާއި އެކަން މީގެ އަހަރުތަކެއް ފަހުން ތަކުރާރުވާނެ ކަމަށް ވިވެކް ވަނީ ބުނެފައެވެ.
ހަމައެގޮތަށް 2050 ވަނަ އަހަރު އަންނައިރު އޭރުގެ ޒުވާނުންނަށް ޝާހްރުކް ޚާން ނޭނގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މުނިފޫހިފިލުވުމުގެ ދާއިރާގައި "ސްޓާޑަމް"އަކީ އެއްވެސް ޔަގީންކަމެއް ތިމާއަށް ދޭ އެއްޗެއް ނޫން ކަމަށް ވިވެކް ވަނީ ސިފަކޮށްފައެވެ.
ވިވެކް މިގޮތަށް ބުނެފައިވާއިރު ޝާހްރުކް ޚާނަކީ އިންޑިއާގެ އިތުރުން ޤައުމުތަކުގައި ވެސް އާއްމުންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ، މިހާރު ވެސް ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ބޮލީވުޑް އެކްޓަރެވެ.
ފިލްމު "ސާތިޔާ"އިން ބޮޑު މަގުބޫލުކަމެއް ހޯދި ވިވެކް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ "ރަމަޔާނާ: ޕާޓް 1" އަދި ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމު "ސްޕިރިޓް"އިންނެވެ. ފިލްމުތަކުން ވަރަށް މަދުން ފެންނަ ވިވެކްއަކީ މިހާރު ދުބާއީގައި އަމިއްލަ ވިޔަފާރިއެއް ހިންގާ އެކްޓަރެކެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 1200 ކްރޯޑު ރުޕީސް (135 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރައެވެ.