21 Nov 2025, 12:04
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް ބަޔާންކޮށް، އެ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށް މި ހިނގާ ނޮވެމްބަރު މަހުގެ ފަހުކޮޅު ހުޅުވާލާނެކަން ހާމަކޮށްފިއެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާ ޑިރެކްޓަރަކު އައްޔަންކުރާނީ އަންނަ އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ބައްދަލުވުމުގައި ކަމަށެވެ.
އެއާއެކު އެ ކުންފުނީގެ ބޯޑަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް ވަނީ އެ އިއުލާނާއެކު އާންމުކޮށްފައެވެ.
އެގޮތުން އުރީދޫ މޯލްޑިވްސްގެ ބޯޑަށް ކުރިމަތިލެވޭނީ އެ ކުންފުނީގެ 50 ހިއްސާއެއް ނުވަތަ 50އަށް ވުރެ ގިނަ ހިއްސާ އޮންނަ މީހަކަށް ކަމަށާއި، އެހެން ނޫން ނަމަ އެ އަދަދަށް ހިއްސާ އޮންނަ މީހެއްގެ ތާއީދު ލިބިގެން ކަމަށް، އުރީދޫން ބުންޏެވެ. ޑިރެކްޓަރު ކަމަށް ކުރިމަތިލާ މީހާ، ފޯމު ހުށަހެޅުމުގެ ސުންގަޑީގެ ކުރިން އެ އަދަދަށް ހިއްސާ އޮންނަތާ މަދުވެގެން ތިން މަސް ފުރިހަމަވާން ޖެހޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނީ، ކުންފުނިތަކުގެ ގާނޫނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ޝަރުތުތައް ފުރިހަމަވާން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީގޮތުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީއެއް މަދުވެގެން އޮންނަން ޖެހޭނެ ކަމަށް، އެ ކުންފުނިން މައުލޫމާތުދެއެވެ.
ހަމަ އެއާއެކު ޕަބްލިކް ނޫނީ ޕްރައިވެޓް ސެކްޓަރުގައި އިސް މަގާމެއްގައި މަދުވެގެން 10 އަހަރު މަސައްކަތްކުރުމުގެ ތަޖުރިބާއާއި، އުވާނުލާ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރުކަން ކުރުމުގެ ތަޖުރިބާ ހުންނަން ޖެހޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.
އަދި އުރީދޫގެ ޑިރެކްޓަރުކަމަށް ކުރިމަތިލާ މީހަކީ ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށްވުރެ އިތުރު ކުންފުނިތަކުގައި، އަދި އުރީދުއާ ވާދަވެރި ކުންފުންޏެއްގެ ބޯޑުގައި މިވަގުތުވެސް މަސައްކަތްކުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ.