23 Aug 2012, 12:19
ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމުގެ ގޮތުން އިތުރު 14 ރަށެއްގެ ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ލަންކާ އަށް ފުރާވަޑައިގަންނަވަމުން އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ލަންކާ އާއި ރާއްޖެއާ ދޭތެރޭގައިވާ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި އެގޮތުން ސްރީލަންކާގެ ވިޔަފާރިވެރިންނާ މަޝްވަރާކުރެއްވުމަށް ނިންމަވާފައިވާނެ ކަމަށެވެ.
"މިހާރު އަލަށް ހަތް ރަށެއް [ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް] އެބަދޫކުރެވޭ. އަދި މުޅި އެކު 14 ރަށް އަޅުގަނޑުމެން ވަނީ ގަސްތުކޮށްފައި އިއުލާން ކުރުމަށް ޓޫރިޒަމަށް. މި ރަށްތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވޭނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ގެ އެ ދަތުރުފުޅުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެގޮތުން ރާއްޖެގައި އަލަށް ދޫކުރުމަށް ހަމަޖައްސާފައިވާ ރިސޯޓްތަކާ ބެހޭ މައުލޫމާތުތައް ލަންކާގެ އިންވެސްޓަރުނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާ އިރު މީގެކުރިން ރިސޯޓް ތަރައްގީ ކުރުމަށް ހަވާލުކުރައްވާފައިވާ ގިނަ ރަށްތައް ވަނީ މުއްދަތު ހަމަވެފައިވާއިރު ވެސް ނުނިމި އަދި ނުހުޅުވި އެވެ.