ސައިބާ ކުށްތަކުގެ ތަހްގީގުތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދިނުމަށްޓަކައި ފުލުހުންގެ އިތުރުން ކަމާގުޅުންހުރި އިދާރާތަކުގެ 22 އޮފިޝަލަކާއެކު ބޭއްވި އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމާލައިފިއެވެ.

މިމަހުގެ 15އިން 20އަށް މި ޕްރޮގްރާމް ބާއްވާފައިވަނީ ފުލުހުންގެ ކޮލެޖާއި އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވާސިޓީ (އާރުއާރުޔޫ) ގުޅިގެންނެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމްގައި ކިޔަވައިދިނީ އާރުއާރުޔޫގެ ލެކްޗަރާއިން ކަމަށެވެ.

ފުލުހުންނާއި ކަސްޓަމްސްއާއި އިމިގްރޭޝަންގެ އިތުރުން އެމްއެންޑީއެފާއި މޯލްޑިވްސް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ނޭޝަނަލް ސައިބަ ސެކިއުރިޓީ އޭޖެންސީން 22 ބައިވެރިއަކު މި ޕްރޮގްރާމް ފުރިހަމަކުރި ކަމަށް ފުލުހުން ބުންޏެވެ.

މި ޕްރޮގްރާމްގައި ސައިބާ ހާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި ގޮތްތަކާއި އޮނިގަނޑުތައް ދަސްކޮށްދީ، ސައިބާ ކުށްތައް ތަހްގީގުކުރުމުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދީފައިވާނެ ކަމަށެވެ. އެގޮތުން ޒަމާނީ ޑިޖިޓަލް މާހައުލުތަކުގައި ނުރައްކާތައް ކުޑަކުރުމަށް އެންޓަޕްރައިޒް ސްކޭލް އަދި ކްލައުޑް އިންސިޑެންޓް ރެސްޕޮންސްއަށް ސްޓްރެޓެޖީތަކާއި ދާއިރާއާ ގުޅުންހުރި އިތުރު ހުނަރުތައް ދަސްކޮށްދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް އެކަމުގެ ލިއުން ހަވާލުކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ ކަމަށް ފުލުހުން ބުންޏެވެ.