ތައުބާގެ މަގަށް ރުޖޫއަވެ، ނަމާދުތަކަށް ފަރުވާތެރިވާން އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހުރިހާ މުސްލިމުންނަށް ހަނދާންކޮށްދީފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ދީފައިވަނީ ނަމާދު އެޅުމުގެ ނުރައްކާތެރިކަމުގެ މައްޗަށެވެ.

ޚުތުބާގައި ވަނީ ނަމާދަށް ފަރުވާތެރިވުމަކީ އެ މީހެއްގެ އިސްލާމްކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

ނަމާދަކީ، އަމާންކަމާއި ރައްކާތެރިކަމާއި ކާމިޔާބަށް ނަސްރު ލިބުމަށް މަގުފަހިކޮށްދޭ އަޅުކަމެއް ކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި، މުންކަރާތްތަކާ ދުރުކޮށްދީ، އިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރުއަޅާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މީހުންތަކެއް ނަމާދުކުރަނީ: ނަމާދުތަކަށް ފަރުވާތެރިވާން ޚުތުބާގައި ވަނީ ގޮވާލާފައި --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އޭގެ އިތުރުން، އެ އަޅުކަމަކީ، ހެޔޮ ހާލުގަޔާއި ބަލި ހާލުގަޔާއި ދަތުރުމަތީގައި ކުރުމަށް އަންގަވާފައިވާ ކަމެއްކަން ޚުތުބާގައި މުސްލިމުންނަށް ހަނދާންކޮށްދިނެވެ. ހަނގުރާމައިގެ ހާލަތުގައި ވެސް ނަމާދު ކުރުމަށް އަންގަވަފާއިވާކަން ފާހަގަކޮށް، ޚުތުބާގައި ބުނީ ނަމާދަށް ފަރުވާތެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އިސްލާމް ދީނުގައި ނަމާދަށް މަތިވެރި މަގާމެއް ދީފައިވާއިރު، ދުވަހުގެ ތާވަލު އެކުލަވާލުމުގައި ނަމާދުތައް އެޅުމުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.

އެގޮތުން، ނަމާދު އެޅުމަކީ އިސްލާމްކަމާ ކާފިރުކަމާ ވަކިކޮށްދޭ އިންކަމަށް ސުންނަތުގައި ވަނީ އަންގަވާފައެވެ. އެ ކަން ހަނދާންކޮށްދީ، ކީރިތި ރަސޫލާ ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އެއުރެންނާއި އަހުރެމެންނާ (އެބަހީ: ކާފިރުންނާއި މުސްލިމުންނާ) ދެމެދުގައި (ތަފާތުކުރާ) ޢަހުދަކީ ނަމާދެވެ. ފަހެ، ނަމާދު އަޅައިފި މީހާ، (ދަންނާށެވެ.) ހަމަކަށަވަރުން، އޭނާ ކާފިރުވެއްޖެއެވެ،"

ދެ މީހަކު މުސައްލައެއް ހިފައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ހަދީޘްތަކާ ހަވާލާދީ ޚުތުބާގައި ވަނީ ނަމާދު އެޅުމަކީ އެއްވެސް ހާލެއްގައި ކޮށްގެންނުވާނެ ކަމެއްކަން އެނގޭ ކަމަށް ބުނެ، މިއަދު ބައެއް މީހުން އަމަލުކުރާ ގޮތަށް އިޝާރާތްކޮށްފައެވެ.

އެގޮތުން، ބައެއް ނަމާދަށް ދަނީ ހުކުރު ނަމާދަށް އެކަނި ކަމަށްވާއިރު، އަނެއް ބައި މީހުންނަކީ ފަރުޟު ބައެއް ނަމާދުތައް ކުރާ މީހުންކަން ޚުތުބާގައި ފާހަގަކުރިއެވެ. އެ މީހުން ނަމާދުތަކަށް ފަރުވާކުޑަކޮށްލާފައިވަނީ، އެ ކަމަށް އިންކާރުކުރާ ހާލަތުގައި ނޫން ކަމަށްވިޔަސް އެއީ ނުހަނު ފާފަވެރިވާނެ ކަމެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އެހެންވެ، ނަފުސު ހިސާބުކޮށް، ގެންނަން ޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރުމަށް ޚުތުބާގައި މުސްލިމުންނަށް ވަނީ ވަސިއްޔަތްކޮށްފައެވެ. އަދި، ތައުބާގެ މަގަށް ރުޖޫއަވެ، ނަމާދުތަކަށް ފަރުވާތެރިވުމަށް އަވަސްވެގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.