ކެނދިކުޅުދޫ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ނޫނު އަތޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދި މެންގްރޫވް އައިލެންޑް ހުސް ނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގައި ކުޅުނު ފުރަތަމަ މެޗު ނެއިބާސް ކާމިޔާބުކޮށްފިއެވެ.

ޖުމްލަ 4 ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތް އެންމެ ފުރަތަމަ ފެށީ ފިރިހެން ޑިވިޝަނުންނެވެ.

ނެއިބާސް އާއި ޅޮހި ބައްދަލުކުރި މެޗުގެ ތެރެއިން--

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ފިިރިހެން ޑިވިޝަނުގެ ގްރޫޕް އޭގައި ހިމެނެނީ މާޅެންދޫ ވޮލީ ޓީމް، ޓީމް ލަންދޫ، ހެނބަދޫ ވޮލީބޯޅަ ޓީމް އަދި މާފަރި ވޮލީބޯޅަ ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ކެނދިކުޅުދޫ ވޮލީބޯޅަ ޓީމް، ނެއިބާސް ވޮލީ ޓީމް އަދި ޅޮހި ސްޕޯޓްސް ކްލަބެވެ.

ގްރޫޕް ބީގައި ހިމެނޭ ނެއިބާސް ކުޅުނު މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ ޅޮހި ސްޕޯޓްސް ކުލަބާއި ވާދަކޮށް 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ނެއިބާސް ކާމިޔާބުކުރީ 25-21 އިންނެވެ. ނަމަވެސް ޅޮހިން ވަނީ ދެވަނަ ސެޓު 17-25 އިން ކާމިޔާބުކޮށްފައެވެ. އެއަށްފަހު ކުޅުނު ދެ ސެޓު ނެއިބާސް ކާމިޔާބުކޮށްފައިވަނީ 25-17 އަދި 25-21 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނެއިބާސްގެ މުޙައްމަދު އަހުސަނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުސަން

ޖުމުލަ 14 ޓީމާއެކު ފަށާ މިމުބާރާތަކީ މުޅި ނޫނު އަތޮޅަށް އަމާޒުކޮށްގެން ކެނދިކުޅުދޫގައި ކުރިޔަށް ގެންދާ މުބާރާތެކެވެ. މި ޑިވިޝަނުގެ ޗެމްޕިއަނުން އަދި ރަނަރަޕް ޓީމް ދި މެންގްރޫވް އައިލެންޑް ހުސް ނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ސުޕަ ލީގަށް ކޮލިފައިވާނެއެވެ. މި ޑިވިޝަނުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 28 ނޮވެންބަރު 2025 ގެ ރޭގަނޑު 20:00 ގައެވެ.