11:50


ކޯޓުތަކުގެ ބިލުގެ އިޞްލާޙުތަކަށް ރިއާސަތުން ވޯޓަށް އައްސަވަމުން ގެންދަވަނިކޮށް އެމްޑީޕީގެ މެންބަރުން އަޑުގަދަ ކުރައްވައި ވޯޓަށް އެއްސެވުމަށް ހުރަސް އެޅުއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރޭގެ ޖަލްސާގެ ނިޒާމު ގެއްލި މަޖިލީސް ހުއްޓާލައިފި އެވެ.


ރޭ 21:30ގައި ފެއްޓި ޖަލްސާ ދަންވަރު 01:50 ވަންދެން ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށެވެ. އަދި އެ ވަގުތުގެ ތެރޭގައި ދިވެހި ރާއްޖޭގެ ކަސްޓަމްސްގެ ބިލް ވެސް މަޖިލީހަށް ބަލައިގަތުމަށް ފާސްކުރި އެވެ. ނަމަވެސް ޖަލްސާގެ ނިޒާމު ގެއްލެން ދިމާވީ، ކޯޓްތަކުގެ ބިލްގެ އިސްލާހަށް ވޯޓަށް އައްސަވަން ފެއްޓެވުމުންނެވެ.


އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު އަޑުގަދަ ކުރައްވައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދަށް، ވިދާޅުވަމުން ގެންދެވީ، ބިލަށް އެމްޑީޕީން ހުށަހަޅާފައިވާ ބައެއް އިސްލާހުތައް އަނބުރާ ގެންދަވަން ބޭނުންފުޅު ކަމަށާއި އަދި ބައެއް އިސްލާހުތައް ހުށަހަޅުއްވަން ވެސް ބޭނުންފުޅު ކަމަށެވެ. އަދި ބިލުގެ ބައެއް މާއްދާތަކަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީއަށް ލިބިފައި ނުވާ ކަމަށް ވެސް މޫސަ ވިދާޅުވަމުން ގެންދެވި އެވެ.


ނަމަވެސް ރިއާސަތުން ނިޒާމީ ނުކުތާ އަށް ފުރުސަތު ނެތް ކަމަށް ވިދާޅުވެ، ވޯޓަށް އެއްސެވުން ކުރިއަށް ގެންދަވަން ފެއްޓެވުމުން މޫސައާ އެކު އެމްޑީޕީގެ އިތުރު އެހެން ބައެއް މެންބަރުން ވެސް ކޮޅަށް ތެދުވެވަޑައިގެން އަޑުގަދަ ކުރައްވައި މޭޒުމަތީގައި އަތްޖައްސަވައި ހެއްދެވުމުން ރިޔާސަތުން ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް ވިދާޅުވެ، ޖަލްސާ ހުއްޓަވާލެއްވީ ދަންވަރު 01:50 ގައެވެ.


ޖަލްސާ ހުއްޓަވާލެއްވުމުގެ ކުރީން މެންބަރުން ކެތްތެރިވުމަށާއި މިއީ ދައުރުގެ ފަހު ޖަލްސާ ކަމަށާޢި އިށީންދެވަޑައިގެން ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް ރިއާސަތުން ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ގެންދެވި އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން އެ ވާހަކަ އަޑުއެއްސެވުމެއް ނެތި އަޑުގަދަ ކުރެއްވުން ކުރިއަށް ގެންދެވި އެވެ.


ރޭގެ ޖަލްސާ ނިންމަވާލެއްވި އިރު ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ އަށް ވަނަ މާއްދާގައިވާ ގޮތުގެމަތިން، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކާއި ނައިބުރައީސެއް ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ދެ ނަންފުޅަށާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވަން ޖެހޭ މަޤާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން މުރާޖަޢާ ކުރައްވައި އެކުލަވާލައްވައި ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު، އެރިޕޯޓަށް ވޯޓްނެގުމާ ހަމަޔަށް ވަނީ ގޮސްފަ އެވެ. ނަމަވެސް މަޖިލީހުގެ ނިޒާމު ގެއްލުމުގެ ސަބަބުން އެއިން އެއްވެސް ކަމަކަށް ރޭގެ ޖަލްސާގައި ވޯޓަށް އައްސަވާފައެއްނުވެ އެވެ.


ރޭގެ ޖަލްސާ އަކީ މި ދައުރުގެ ފަހު ޖަލްސާކަމަށް ވިޔަސް މަޖިލީހުގެ ޗުއްޓީ ފެށުނީކަން ނުވަތަ އަދި އިތުރު ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާކަމެއް ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅެއްނުވެ އެވެ.