20 Nov 2025, 20:16
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފު ވެއްޖެއެވެ.
މިދިޔަ އޭޕްރީލް މަހު ހިނގި ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ ފަހުކޮޅެވެ. އެ މައްސަލައިގެ އަޑު އެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އިރު، ރައުދުވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ދެން ކުރިއަށް ގެންދާނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ހުކުމް އަންނަ ހަފްތާގައި ކުރުމަށް ކޯޓުންވަނީ ނިންމާފައެވެ.
ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
ރައުދުގެ މައްޗަށް ދައުވާކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔުމްނު ފެންޓެނޯއީ ގެއިން މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީން ބުންޏެވެ.
ފެންޓެނޯއީ ގެއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ރައުދު ކުރިން ބަންދު ކުރިއެވެ. އެކަމަކު، އޭނާ ބަންދުން ދޫކޮށްލުމަށް ފުލުހުންނަށް އިރުޝާދު ދިނީ، ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހިދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިންވަނީ ބުނެފައެވެ.
ޔުމްނުގެ ތަހުގީގުގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ މައްސަލަ ދިރާސާކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.