21 Nov 2025, 10:40
ގްރޮކް 4.1 ގާބިލިއްޔަތު މަތިވި ނަމަވެސް ގޯސްޖަވާބުތައް ދިނުމާއި އޮޅުވާލުމުގެ ނިސްބަތް ބޮޑުކަމަށް އާ ރިޕޯޓެއްގައި ބުނެފިއެވެ.
އާ ރިޕޯޓުތަކުން ދައްކާގޮތުގައި އިލޮން މަސްކްގެ އެކްސްއޭއައި ކުންފުނިން އާންމުކުރި ބޮޑު ބަސް މޮޑެލް (އެލްއެލްއެމް) ގްރޮކް 4.1 ގެ މޮޑެލްގައި ކުރީގެ ވާޝަން "ގްރޮކް 4" އަށް ވުރެ "ސިކޯފަންސީ" (ޚުޝާމަދުކުރުން) އަދި "ޑިސެޕްޝަން" (އޮޅުވާލުން) ގެ މިންވަރު ވަނީ މަތިވެފައެވެ.
ގްރޮކް 4.1 އަކީ އިމޯޝަނަލް އިންޓެލިޖެންސާއި ކްރިއޭޓިވް ގާބިލިއްޔަތު މަތިކޮށްފައިވާ މޮޑެލެއް ކަމަށްވާއިރު، މިކަމުގެ ސަބަބުން ސަލާމަތީ ގޮތުން ކޮންމެވެސް ވަރެއްގެ ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
އެކްސްއޭއައި އިން އާންމުކޮށްފައިވާ 'މޮޑެލް ކާޑް' ގައިވާގޮތުން، ޔޫޒަރަކު ނުބައި ވާހަކައެއް ދެއްކުމުން އެކަން އެނގިހުރެ ވެސް އެއްބަސްވުމުގެ ސިފަ ކަމަށްވާ "ސިކޯފަންސީ"ގެ މިންވަރު ގްރޮކް 4 ގައި 0.07 ގައި ހުރިއިރު، ގްރޮކް 4.1 ގެ އެއް ވާޝަންގައި މިހާރު ހުރީ 0.23 ގައެވެ. މީގެ އިތުރުން، އެނގިހުރެ ދޮގު މައުލޫމާތު ދިނުމުގެ ނިސްބަތް ކަމަށްވާ "ޑިސެޕްޝަން"ގެ މިންވަރު ވެސް ކުރީގެ ވާޝަންގައި 0.43 ގައި ހުރިއިރު، މިހާރު 0.49 އަށް ވަނީ އަރާފައިވެއެވެ.
މި ދެ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އޭއައި މޮޑެލްގެ "އިމޯޝަނަލް އިންޓެލިޖެންސް" ނުވަތަ ޔޫޒަރަށް "ސަޕޯޓިވް" ވުމަށް އިސްކަންދިނުމަށްޓަކައި ކުރި މަސައްކަތް ކަމަށް ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުން، ޔޫޒަރު ހިތްހަމަޖައްސައިދިނުމަށްޓަކައި މޮޑެލްއަށް ބައެއް ފަހަރު ހަގީގަތާ ޚިލާފު ވާހަކަތަކަށް އެއްބަސްވެ، ނުވަތަ އޮޅުވާލެވިދާނެ ކަމުގެ ބިރު އެބައޮތެވެ.
މި މައްސަލަތައް ހުރިނަމަވެސް، ގްރޮކް 4.1 ގެ އިމޯޝަނަލް އިންޓެލިޖެންސް 1,206 އިން 1,586 އަށް މަތިވެފައިވުމަކީ މޮޑެލްގެ އެންމެ ބޮޑު ކުރިއެރުމެވެ.
މީގެ އިތުރުން، ގްރޮކް 4.1 ގެ ވާހަކަ ދެއްކުމުގެ ސްޓައިލް ވެސް ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. ޔޫޒަރުންގެ މެދުގައި ހެދި ދިރާސާއެއްގައި، ކުރީގެ ވާޝަންއަށްވުރެ 65 އިންސައްތަ ފަހަރު ގްރޮކް 4.1 ގެ ޖަވާބުތައް ވަނީ ހޮވާފައެވެ. އަދި މައުލޫމާތުގެ ސައްޙަކަން ވެސް ރަނގަޅުވެފައިވާކަން ފާހަގަކުރެވެއެވެ. ހަޤީޤަތާ ޚިލާފު ޖަވާބު ދިނުމުގެ ނިސްބަތް 12.09 އިންސައްތަ އިން 4.22 އިންސައްތަ އަށް ވަނީ ދަށްކުރެވިފައެވެ.
އެހެންނަމަވެސް، ގެއްލުންހުރި ބޭނުންތައް (މިސާލަކަށް ހަތިޔާރާއި ގުޅުންހުރި މައުލޫމާތު) ދިނުމަށް ހުރަސް އެޅުމުގެ ގާބިލިއްޔަތު ގްރޮކް 4.1 ގައި ވަނީ ކުރިއަށްވުރެ މަތިވެފައެވެ.
ޓެސްޓުތައް ދައްކާގޮތުން ގްރޮކް 4.1 އިން ގާތްގަނޑަކަށް ހުރިހާ ގެއްލުންހުރި ސުވާލުތަކަށް ޖަވާބުދިނުން ހުއްޓުވައެވެ. މާނައަކީ، މޮޑެލްގެ ޕާފޯމަންސާއި ސަލާމަތީ ގާބިލިއްޔަތު މަތިވުމާއެކު، އޭގެ އޮނެސްޓީ (ނަޒާހަތްތެރިކަން) ގައި ކުޑަ ބަދަލެއް އައިސްފައިވުމެވެ.