20 Nov 2025, 20:06
ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ކުއްލިގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަން ފެށުމަކީ ޤާބިލު ފަނޑިޔާރުން ވަކިކޮށް، ނާޤާބިލު މީހުން އެ މަޤާމުތަކަށް އައްޔަންކޮށް ކޯޓުތައް ކޮންޓްރޯލްކުރުމަށް ޓަކައި ރާވައިގެން ކުރާ މަސައްކަތެއް ކަމަށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ބުނެފިއެވެ.
ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށިކަން ހާމަކުރީ މިއަދެވެ.
އެހެންވެ މިކަމާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މިއަދު ވިދާޅުވީ، މިއީ ޤާބިލު ފަރާތްތައް ފަނޑިޔާރުކަމުން ވަކިކޮށް، ސިޔާސީގޮތުން އައްޔަންކުރެވޭ މީހުން ފަނޑިޔާރުކަމަށް ގެނައުމަށްފަހު ކޯޓުތައް ކޮންޓްރޯލްކުރުމަށް ޓަކައި ސަރުކާރުން ކުރާ މަސައްކަތެއް ކަމަށެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހައިކޯޓުގެ 11 ފަނޑީޔާރުންގެ ތެރެއިން ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުން އަންނަނީ އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތުން މި ހަފްތާގައި އިސްތިއުފާދިން މުހައްމަދު ފައިސަލްއާއި، ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރައްވާ މުހައްމަދު ނިޔާޒް އަދި ހުސެއިން މަޒީދުއާއި ހައިކޯޓުގެ ތިން އަންހެން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ކަމަށްވާ ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލައެވެ.
ފައިސަލްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ރިޕޯޓްތައް ލިބިފައިވާއިރު، ފައިސަލް ވަނީ ކުއްލި ގޮތަކަށް އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތު ތަކުން އިސްތިއުފާ ދެއްވައިފައެވެ. މާރިޗު މަހު ފައިސަލްއަށް އިސްފަނޑިޔާރުކަން ދޭން ޖޭއެސްސީން ނިންމި ނަމަވެސް، އަށް މަސްވެގެން ދިޔައިރުވެސް ފައިސަލްއަށް އެ މަގާމުގެ ފަތްކޮޅު ނާރުވައެވެ.
ހައިކޯޓުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރު، ނިޔާޒްގެ މައްސަލަތަކެއް ބަލަމުންދާން ފަށާފައިވާއިރު، އޭނާވަނީ ސިއްހީ ސަބަބުތަކާހުރެ ފަނޑިޔާރުކަމުން ވަކިވާން ހުށަހަޅާފައެވެ.
ފަނޑިޔާރު މަޒީރު، ފަރުހީޒާ އަދި ދީބާނާޒްގެ ސުލޫކީ މައްސަލަތަކެއް ބަލަމުން ދިޔަނަމަވެސް އޭގެ ތަފްސީލެއް ނުލިބެއެވެ. މަޒީދަކީވެސް ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސީނިއާ ފަނޑިޔާރެކެވެ.
މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ. އެކަމަކު މި ސަރުކާރު އައި ފަހުން ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ކުއްލިގޮތަކަށް ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އޭސީސީއިން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެން ސަސްޕެންޑް ކުރީ ހުސްނުއްސުއޫދާއި މަހާޒް އަލީ ހާޒިރާއި, ޑރ. އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ސުއޫދު ވަނީ ސަސްޕެންޑް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އިސްތިއުފާ ދެއްވައިފައެވެ. މަހާޒާއި އަޒްމިރަލްދާ ވަކި ކުރީ ކުރި ތުހުމަތަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ވެސް ނުދީ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.