ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނާ އެއްގޮތަށް ކުރިއަރުވައި އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ ކަންކަން ފުޅާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް، ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ގުޅޭ ބައިނަލްއަޤުވާމީ މުއާހަދާގެ ދަށުން 2022ވަނަ އަހަރު ރާއްޖޭން ހުށަހެޅި 13-15ވަނަ ޕީރިއޮޑިކް ރިޕޯޓު، އދ ގެ ނަސްލީ ތަފާތުކުރުން ނައްތާލުމާ ގުޅޭ ކޮމިޓީން ރިވިއުކުރުމަށް ޓަކައި މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރިވިއު ސެޝަންގައި ރާއްޖޭން ބައިވެރިވިއެވެ.

އެ ސެޝަންގައި ރާއްޖޭގެ ރިވިއު ފައްޓަވަމުން އުޝާމް ވިދާޅުވީ، އެ މުއާހަދާގައި ބަޔާންކުރާ ކަންކަން ކަށަވަރުކުރުމަކީ ރާއްޖޭގެ ގާނޫނީ ޒިންމާއެއް ކަމަށާއި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހަމަހަމަކަމާއި ތަފާތުނުކުރުމުގެ އަސާސްތަކާ ގުޅިލާމެހިފައިވާ އުސޫލީ އިލްތިޒާމެއް ކަމަށެވެ.

އުޝާމް ވިދާޅުވީ، މި މުއާހަދާގެ އުސޫލުތައް ރާއްޖޭގެ މައްޗަށް ހިނގަނީ ރާއްޖޭގައި އުޅޭ އެހެން ގައުމުތަކުގެ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ގޮތުން ކަމަށެވެ.

އެހެންވެ އެ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި މިހާރު ހުރި ދަތިތައް ބަލައިގަނެ، ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ޒަމާނީ ތަރައްގީއާ އެއްގޮތަށް ކުރިއަރުވައި އެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭން ކުރާ ކަންކަން ފުޅާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ބުނީ، އޭޕްރިލް 24، 1984ގައި ރާއްޖޭން ބައިވެރިވި މި މުއާހަދާގެ ދަށުން ރާއްޖޭން ހުށަހެޅި ރިޕޯޓުގައި ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް ޓަކައި 2011އިން ފެށިގެން 2022ގެ ޖޫން މަހުގެ ނިޔަލަށް ކުރި މަސައްކަތުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ބޭއްވި މި ރިވިއުގައި، މުއާހަދާ ތަންފީޒުކުރުމަށް ރާއްޖޭން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ރާއްޖޭން ޖަވާބުދީފައިވާނެ ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން ބުންޏެވެ.

މި ރިވިއު ސެޝަނަށް ފަހު، ރާއްޖޭން ހުށަހެޅި ރިޕޯޓާއި ރިވިއު ސެޝަންގައި ރާއްޖޭން ކޮމިޓީއާ ހިއްސާކުރި މަޢުލޫމާތަށް ބިނާކޮށް، ކޮމިޓީގެ ނިންމުން ބަޔާންކޮށް ލަފާ އަރުވާނެ ކަމަށްވެސް ބަންޑާރަނައިބުގެ އޮފީހުން މައުލޫމާތުދެއެވެ.