20 Nov 2025, 19:16
ކުރީގެ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު، އެ މަގާމުގައި ހުންނެވިއިރު ފުލުހުންނަށް ބޭނުންވާ ބޮޑީވޯން ކެމެރާ ހޯދުމުގައި، ވަކި މީހަކަށް ފައިދާއެއް ހޯދައިދޭން ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމަށް ތުހުމަތުވާހެން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަހަކަދެއްކެވުމުން، އެ މުއާމަލާތުގެ ދިފާއުގައި މިހާރު ހަމީދު ނިސްބަތްވެވަޑައިގަންނަވާ ކުންފުނިން އެ ކަން ދޮގުކޮށްފިއެވެ،
މީގެ ކުރިން ވެސް ނާޒިމް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ނާޒިމް ވިދާޅުވީ، ކޮމިޝަނަރުކަމުގައި ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން 66 މިލިއަން ރުފިޔާއަށް ކަމަށެވެ.
އެ މައްސަލައިގައި ޝައްކުތަކެއް އުފެދުނީ ފުރަތަމަ އެ މަސައްކަތް ބީލަމަށް ލުމަށް ފަހު، އެ ބާތިލުކޮށްފައި އަލުން އެ މަސައްކަތް ސިންގަލް ޕްރޮކިއުމަންޓް އުސޫލުން ހަވާލުކުރުމުން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމަކު، އެ މުއާމަލާތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ވާހަކަދައްކަން ޖެހުނީ ހަމީދު މަގާމުން ރިޓަޔާކުރެއްވުމަށް ފަހު، ކުންފުނީގެ ވަޒީފާއަކަށް ވަޑައިގެންނެވުމުންނެވެ. އެއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އިތުރަށް ބަލަންޖެހޭ މައްސަލައެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެއިރު ނާޒިމް ދެއްކެވި މި ވާހަކަތައް، ހަމީދު ވަނީ ދޮގުކުރައްވައިފައެވެ.
އަނެއްކާ ވެސް މި ވާހަކަ އަލުން ދެއްކީ އިއްޔެ އޮތް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައެވެ. އެގޮތުން ކޮމިޓީގައި ނާޒިމް ވަނީ 1،400 ބޮޑީވޯން ކެމެރާ ގަންނަން އެ ކުންފުންޏާ ހަވާލުކުރީ އެ ކަން ކުރަން އެ ކުންފުނީގައި ހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަ ނުވަނީސް ކަމަށް ވިދާޅުވެފައެވެ.
އެހެންވެ އެ ކަަމަށް ރައްދުދީ، އެ ކުންފުނީގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައިވަނީ ނާޒިމް ދައްކަވައިފައިވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.
ބަޔާނުގައި ވަނީ މާލިއްޔަތު ކޮމިޓީގައި މައްސަލަ ބަަލައި ދިރާސާކުރި މުއްދަތުގައި އެ ކުންފުނީގެ އެއްވެސް ބަހެއް ހޯދައިފައި ވެސް ނުވާ ކަމަށެވެ.
ނާޒިމް ތުހުމަތުކުރެއްވި ގޮތުގައި އެންމެ ފުރަތަމަ ކުންފުނިން އަގު ކިއީ 48 މިލިއަން ރުފިޔާއަށް މަސައްކަތް ހަވާލުކުރުމަށެވެ. ނަމަވެސް ފަހުން 66 މިލިއަން ރުފިޔާއަށް މަޝްރޫއު ހަވާލުކުރި ކަމަށާއި މަސައްކަތް ނިމުނުއިރު 18 މިލިއަނެއްހާ ރުފިޔާ ބާކީ އޮތް ކަމަށް ނާޒިމް ވިދާޅުވި ކަމަށް ބަޔާނުގައިވެއެވެ.
އެ ކަން ދޮގުކޮށް އެ ކުންފުނިން ބުނީ މަސައްކަތުގެ އަގުގެ ގޮތުގައި 48 މިލިއަން ރުފިޔާ ހިމަނައި، އެއްވެސް އިރަކު ޕްރޮޕޯޒަލް ހުށަހަޅައިފައިނުވާ ކަމަށެވެ. މަސައްކަތުގެ އަގުގެ ގޮތުގައި ޓެކްސް ހިމެނޭ ގޮތަށް ހުށަހަޅައިފައިވަނީ 66.4 މިލިއަން ރުފިޔަ ކަމަށާއި އެ އަދަދަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންނާއި ފަހުން ވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
އަދި އެ ފައިސާ ހަތަރު އަހަރަށް ބަހައިލައިގެން އެ ކުންފުނުންޏަށް ދެއްކޭނެ އިންތިޒާމު ވެސް އެ ކުންފުނިން ފުލުހުންނަށް ފަހިކޮށްދިން ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ވަކި މީހަކަށް ނާޖާއިޒް މަންފާއެއް ހޯދައިދީ ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޒެޓާ ޓެކްނޮލޮޖީޒް ޕްރައިވެޓް ލިމިޓެޑުން އަމަލުކޮށްފައިވާކަމަށް ތުހުމަތުވާ މޭރުމަކުން ނާޒިމް ވާހަކަދައްކަވަނީ، ކަމުގެ އަސްލު މައުލޫމާތު އެންމެ ރަނގަޅަށް ލިބިފައި ނެތުމުން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.