20 Nov 2025, 18:51
ސަންފްރަންޓުން މާލޭން ގަތް ދެ ބިން ހަވާލުނުކޮށް، އެ ކުންފުނިން ޚަރަދުކުރި ފައިސާ ނުދީ ހިފެހެއްޓުމުންވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 20 މިލިއަން ދައްކަން ދައުލަތުން އެންގި ނަމަވެސް، ސަންފްރަންޓަށް ދޭން ޖެހޭ ބަދަލަކީ 10.78 މިލިއަން ރުފިޔާ ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ސަންފްރަންޓުން 2010ގައި 26 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގަތް ދެ ބިން ހަވާލުނުކުރުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމަށް ދައުލަތުން 20 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މިއަދު ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ، ބިން ގަތުމަށް ދެއްކި ފައިސާ ސަންފްރަންޓަށް އަނބުރާ ލިބުން ލަސްވި މުއްދަތުގައި ސަންފްރަންޓަށް ލިބުނު ގެއްލުމުގެ ބަދަލު ހިސާބުކުރުމުގައި އެންމެ އިތުބާރުކުރެވޭ މިންގަނޑަކީ އެ ކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގައި ހުރި އަދަދުތައް ބޭނުންކޮށް، އެ ކުންފުނީގެ ނެޓް ޕްރޮފިޓް މާޖިން ހިސާބުކުރުމަށްފަހު، އެ ނިސްބަތުން އެ ކުންފުންޏަށް ލިބޭ ފައިދާގެ އަދަދު ކަނޑައެޅުން ކަމަށެވެ.
އެ އުސޫލުން ބަލާ ނަމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަންފްރަންޓަށް ނަގައިދެވޭނީ 10.78 މިލިއަން ރުފިޔާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އެގޮތުން ނޮވެމްބަރު 29، 2012އިން ފެށިގެން އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 651،522 ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، 2013ވަނަ އަހަރު 6.25 މިލިއަން ރުފިޔާ، އަދި ޖެނުއަރީ 1، 2014އިން އެ އަހަރުގެ މޭ 25 އަށް 3.86 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާ ކަމަށް، އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ސަންފްރަންޓަށް ބަދަލުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ކަމަށް، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދުތައް --
އޮޑިޓް ރިޕޯޓުގައި ވަނީ، ބިން ގަތުމަށް ސަންފްރަންޓުން ދައުލަތަށް ދެއްކި ފައިސާ ނުލިބި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހައިކޯޓުން ކަނޑައަޅާފައިވާ ހަމަތަކަށް ބަލާއިރު، ސަންފްރަންޓަށް ނަގައިދޭންޖެހޭ ގެއްލުމުގެ ބަދަލަކީ އެ ކުންފުނީގެ ވިޔަފާރީގައި އިންވެސްޓްކޮށްގެން ލިބޭނެކަމަށް ލަފާކުރެވޭ ފައިދާއާ އެއްވަރުގެ ގެއްލުމުގެ ބަދަލެއްކަމަށް ބުނެފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން، ސަންފްރަންޓުން ބަދަލުގެ ގޮތުގައި ހުށަހެޅި 20.82 މިލިއަން ރުފިޔާއާއި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އަދަދު ކަމަށްވާ 10.78 މިލިއަން ރުފިޔާ އާ ދެމެދު ބޮޑު ތަފާތެއް ވެއެވެ.
ސަބަބަކީ ގެއްލުމުގެ ބަދަލު ހިސާބުކޮށް ސަންފްރަންޓުން ސިވިލް ކޯޓަށް ހުށަހެޅި ރިޕޯޓަކީ ކަށަވަރުނުކުރެވޭ އަންދާޒާ އަދަދުތައް ހިމަނައި ހުށަހެޅި ރިޕޯޓަކަށްވާތީ ކަމަށާއި، އެހެންވެ ސަންފްރަންޓަށް ގެއްލުމުގެ ގޮތުގައި އެކަށީގެންނުވާ ބަދަލެއް ނަގައިދިނުމަށް މަގުފަހިވާތީ ކަމަށް، އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުން 11 ބިން ވިއްކުމަށް ސަރުކާރުގެ ފަރާތުން އޮގަސްޓު 1، 2010ގައި ހުޅުވައިލުމުން، ސަންފްރަންޓުން ވަނީ 2،000 އަކަފޫޓުގެ ދެ ބިން، ޖުމްލަ 26،989،880 ރުފިޔާއަށް ގަނެފައެވެ.
މި ދެ ބިމަށްވާ ފައިސާ ސަންފްރަންޓުން ދެއްކީ 2012ވަނަ އަހަރެވެ. އެހެން ނަމަވެސް އެ ދެ ބިން ހަވާލުނުކޮށް، އެ ކުންފުނިން އެ ކަމަށް ޚަރަދުކުރި 26 މިލިއަން ރުފިޔާ ދައުލަތުން އަނބުރައި ހަވާލުކުރީ އޭގެ ދެ އަހަރުފަހުން 2014ވަނަ އަހަރެވެ.
އެކަމުގެ ސަބަބުން 2012އިން 2014އަށް އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 20،824،556 ރުފިޔާ ނަގައިދޭން އެދި އެ ކުންފުނިންވަނީ ދައުލަތުގެ މައްޗަށް 2013ވަނަ އަހަރު ދައުވާކޮށްފައެވެ.
ސަންފްރަންޓުން އެދުނީ ވެސް، އެ މުއްދަތުގައި އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 20 މިލިއަން ރުފިޔާ ދައުލަތުން ނަގައިދިނުމަށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު ހުކުމްކުރީ ސަންފްރަންޓަށް މަސްދުވަހުގެ ތެރޭގައި 20 މިލިއަން ރުފިޔާ ދެއްކުމަށެވެ.