20 Nov 2025, 18:24
ފަނޑިޔާރުންގެ މައްސަލަ ބަލަމުން އަންނަނީ ދުރާލައި ރޭވިގެން، ސިޔާސީ ގޮތުން ކަމަށާއި، އެއީ އަދުލު އިންސާފުގެ ނިޒާމުގެ ކޮންޓްރޯލް ސަރުކާރަށް ނަގަން ކުރާ ކަމެއްކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޭނާ މިފަދައިން ވިދާޅުވިއިރު، ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުން އަންނަކަން ވަނީ އެނގިފައެވެ.
މި ކަމާ ގުޅުވައި، ހުސްނުއްސުއޫދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަރުއީ ދާއިރާގެ ތެރޭ ހިނގަމުން އަންނަ ކަންކަމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އޭނާ ވިދާޅުވީ އެންމެ ފުރަތަމަ، ސުޕްރީމް ކޯޓުން ފަނޑިޔާރުންތަކެއް ވަކިކުރުމަށްފަހު, އައްޔަންކުރީ ރައީސަށް ވަފާތެރި، ޝަރުތު ހަމަނުވާ ބޭފުޅުންކަމަށެވެ. އެއަށްފަހު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ހައިކޯޓުގެ އެންމެ ގާބިލު ފަސް ފަނޑިޔާރަކާއި ސިވިލް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކަން ސިފަވަނީ، އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ބާރު ފޯރުވައި ކޮންޓްރޯލުކުރުމަށް އިންތިޒާމުކޮށް ރޭވިގެން ހިންގާ ކަމެއްގެ ގޮތުގައި. އަޅުގަނޑުމެންގެ މުއައްސަސާތަކަށް މިއަށްވުރެ ރަނގަޅު ގޮތްގޮތް ހައްގު،" ސުއޫދު ވިދާޅުވިއެވެެ.
ސުއޫދު ވިދާޅުވީ ޖޭއެސްސީގައި މައްސަލަތަކެއް ބަލަނީ މި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް އުޒުރެއް ދެއްކުމުގެ ގޮތުން ކަމަށެވެ. ނަމަވެސް މިއީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ގޮތުން ބަލާ މައްސަލަތަކެއް ކަމަށް ވެސް ސުއޫދު ތުހުމަތުކުރެއްވިއެވެ. އަދި އެ ފަނޑިޔާރުންނާމެދު އެ ބަލާ މައްސަލަތަކަކީ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމުގެ ތެރޭ ތިބި މިނިވަން އަޑުތައް ފަނޑުކޮށްލުމަށް ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ. އެކަމަކު މި ސަރުކާރު އައި ފަހުން ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ކުއްލިގޮތަކަށް ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އޭސީސީއިން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެން ސަސްޕެންޑް ކުރީ ހުސްނުއްސުއޫދާއި މަހާޒް އަލީ ހާޒިރާއި, ޑރ. އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ސުއޫދު ވަނީ ސަސްޕެންޑް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އިސްތިއުފާ ދެއްވައިފައެވެ. މަހާޒާއި އަޒްމިރަލްދާ ވަކި ކުރީ ކުރި ތުހުމަތަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ވެސް ނުދީ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރީ، ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ބަލަމުން ދަނިކޮށް ކުއްލިއަކަށެވެ. ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ދުސްތޫރީ މައްސަލައިގެ އަމުރެއް ނެރުމަށް އަޑު އެހުން ތާވަލުކޮށް ބެންޗަށް އަރަން ފަނޑިޔާރުން ތައްޔާރުވަމުން ދަނިކޮށެވެ. އެއާއެކު ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ބޮޑުވިއެވެ.