20 Nov 2025, 16:39
ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް, ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހައިކޯޓުގެ 11 ފަނޑީޔާރުންގެ ތެރެއިން ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުން އަންނަނީ އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތުން މި ހަފްތާގައި އިސްތިއުފާދިން މުހައްމަދު ފައިސަލްއާއި، ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރައްވާ މުހައްމަދު ނިޔާޒް އަދި ހުސެއިން މަޒީދުއާއި ހައިކޯޓުގެ ތިން އަންހެން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ކަމަށްވާ ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލައެވެ.
ފައިސަލްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ރިޕޯޓްތައް ލިބިފައިވާއިރު، ފައިސަލް ވަނީ ކުއްލި ގޮތަކަށް އިސްފަނޑީޔާރުކަމުގެ މަސްއޫލިއްޔާތު ތަކުން އިސްތިއުފާ ދެއްވައިފައެވެ. މާރިޗު މަހު ފައިސަލްއަށް އިސްފަނޑިޔާރުކަން ދޭން ޖޭއެސްސީން ނިންމި ނަމަވެސް، އަށް މަސްވެގެން ދިޔައިރުވެސް ފައިސަލްއަށް އެ މަގާމުގެ ފަތްކޮޅު ނާރުވައެވެ.
ހައިކޯޓުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރު، ނިޔާޒްގެ މައްސަލަތަކެއް ބަލަމުންދާން ފަށާފައިވާއިރު، އޭނާވަނީ ސިއްހީ ސަބަބުތަކާހުރެ ފަނޑިޔާރުކަމުން ވަކިވާން ހުށަހަޅާފައެވެ.
ފަނޑިޔާރު މަޒީރު، ފަރުހީޒާ އަދި ދީބާނާޒްގެ ސުލޫކީ މައްސަލަތަކެއް ބަލަމުން ދިޔަނަމަވެސް އޭގެ ތަފްސީލެއް ނުލިބެއެވެ. މަޒީދަކީވެސް ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސީނިއާ ފަނޑިޔާރެކެވެ.
މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ. އެކަމަކު މި ސަރުކާރު އައި ފަހުން ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް ކުއްލިގޮތަކަށް ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އޭސީސީއިން ޖޭއެސްސީއަށް ފޮނުވި ސިޓީއަކާ ގުޅިގެން ސަސްޕެންޑް ކުރީ ހުސްނުއްސުއޫދާއި މަހާޒް އަލީ ހާޒިރާއި, ޑރ. އަޒްމިރަލްދާ ޒާހިރެވެ. އޭގެ ތެރެއިން ސުއޫދު ވަނީ ސަސްޕެންޑް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އިސްތިއުފާ ދެއްވައިފައެވެ. މަހާޒާއި އަޒްމިރަލްދާ ވަކި ކުރީ ކުރި ތުހުމަތަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ވެސް ނުދީ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރީ، ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި ބަލަމުން ދަނިކޮށް ކުއްލިއަކަށެވެ. ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ދުސްތޫރީ މައްސަލައިގެ އަމުރެއް ނެރުމަށް އަޑު އެހުން ތާވަލުކޮށް ބެންޗަށް އަރަން ފަނޑިޔާރުން ތައްޔާރުވަމުން ދަނިކޮށެވެ. އެއާއެކު ސަރުކާރުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ބޮޑުވިއެވެ.