20 Nov 2025, 16:05
މާލޭގައި ހަދާ ވަގުފް އިމާރާތް "ދާރުލް އަރުޤަމް"ގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި އިމާރާތުގެ ބިން އަޅުވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި އެ މަސައްކަތް ހަވާލުކޮށްފައިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަޙީމެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު --- ފޮޓޯ/ ރައީސް އޮފީސް
ދެހާސް އަކަފޫޓުގެ ސަރަހައްދެއްގައި އާރްސީސީއާ ހަވާލުކޮށްގެން ތަރައްގީކުރާ މި އިމާރާތަކީ، 39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ދޮޅު އަހަރު ދުވަހުގެ ތެރޭގައި މި އިމާރާތުގެ މަސައްކަތް ނިންމަން އަމާޒު ހިފާފައިވާއިރު، ނިންމުމަށް މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި، މިނިސްޓަރު ޝަހީމް ވަނީ، ރާއްޖޭގެ މުސްތަގުބަލާއި އިސްލާމީ ޚިދުމަތްތަކަށް ރައީސް ދެއްވާ އަހުމިއްޔަތުކަން ފާހަގަކުރައްވައި، އެ މަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމްއާއި އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް --- ފޮޓޯ/ ރައީސް އޮފީސް
ފާހަގަކުރެވޭ ގޮތުގައި، މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.
މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑުކުރާ މަޝްރޫއުއެއްކަން އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ދާރުލްއަރުޤަމްގެ އިތުރުން ހުޅުމާލޭގައި ވަގުފް އިމާރާތެއް އަޅަން އާރްސީސީއާ ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއާއި، ތިނަދޫ ސިޓީއާއި، ކުޅުދުއްފުށި ސިޓީގެ އިތުރަށް، ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫއު ފެށުމަށް ރައީސް ދާދިފަހުން ވަނީ، ނިންމަވައިފައެވެ. މި މަޝްރޫއުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫއުތަކެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފައިވެއެވެ.