20 Nov 2025, 15:53
މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ބޭއްވި ޖަލްސާއަށް ޚަރަދުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ، އެ ޖަލްސާއަށް ފައިސާ ޚަރަދުކުރި ގޮތް ތަހުގީގު ކޮށްދިނުމަށް އެދި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު ހުށަހަޅައިފިއެވެ.
އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދި، އޭސީސީއަށް ހުށަހެޅީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު ސަލީމް (މާޒް ސަލީމް)އެވެ.
އެ މައްސަލައިގައި ބުނެފައި ވަނީ، ޕީއެންސީގެ ބޮޑު އެއްވުމަށް 60 މިލިއަން ރުފިޔާ ޚަރަދުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޕީއެންސީ ޖަލްސާއާ ގުޅިގެން މާޒް އޭސީސީއަށް މައްސަލަ ހުށަހެޅުން ---- ސަން ފޮޓޯ/ އަފްވާން ސޮލާހު
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙުމާން ކުރެއްވި ޕޯސްޓެއްގައި، ޕީއެންސީ ޖަލްސާގެ ކަންކަން އިންތިޒާމު ކުރުމަށް އަންލިމިޓެޑް ބަޖެޓު ހަމަޖައްސައި، 50 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށް ވިދާޅުވެފައިވާކަން އެ މައްސަލައިގައި ފާހަގަކުރިއެވެ.
"އެހެންކަމުން މި ޖަލްސާގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ޢަދަދެއްގެ ފައިސާ މިކަމަށް ހޭދަކޮށްފައިވާކަން ދަލީލު ކޮށްދޭ," މައްސަލައިގައިވެއެވެ.
އެ ޖަލްސާއަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެނީ އެ ޖަލްސާއަށް މީހުން މާލެ ގެނައުމަށާއި ގެންދިޔުމުގެ ދަތުރުފަތުރާއި އެ މީހުންނަށް ދިން ޕޮކެޓްމަނީގެ އިތުރަށް އެކޮމޮޑޭޝަނަށް ކަމަށް މާޒް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

މާޒު ޕީއެންސީ ޖަލްސާއަށް ޚަރަދުކުރި ގޮތް ތަހުގީގުކޮށްދޭން އެދި އޭސީސީއަށް މައްސަލަ ހުށަހަޅަނީ ---- ސަން ފޮޓޯ/ އަފްވާން ސޮލާހު
އޭގެއިތުރަށް، ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 އިން އައްޑޫ ގަމަށް ދަތުރުކޮށް ޖަލްސާއަށް މީހުން ގެނެސްފައިވާކަން މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކު ފުލައިޓުގެ ޝެޑިއުލުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 1:00 އިން ފެށިގެން ހުކުރު ދުވަހުގެ ރޭ 11:30 އާ ހަމަޔަށް 50 ފްލައިޓް ވަނީ ޝެޑިއުލްކޮށްފައެވެ. އެއީ، ގައުމީ އެއާލައިން، މޯލްޑިވިއަންއާއި މަންތާއާއި އަދި ވިލާ އެއާގެ ދަތުރުތައް ކަމަށްވާއިރު، އެއާޕޯޓުގެ ފުލައިޓު އިންފޮމޭޝަން ސިސްޓަމާ ހަވާލާދީ މާޒް ވިދާޅުވީ، ޢާއްމުކޮށް އޮންނަނީ ދުވާލަކު 20 ނޫނީ 25 ޑޮމެސްޓިކު ފުލައިޓު ކަމަށެވެ.
"އެހެންކަމުން މިމައުލޫމާތުތަކަށް ބަލާއިރު މިއީ 30 ފުލައިޓުގެ އިތުރުވުމެކެވެ. ކޮންމެ ޗާޓަރު ފުލައިޓެއްގެ ރިޓާން އަގަކީ މަދުވެގެން ހަ ލައްކަ ދިވެހި ރުފިޔާއެވެ. ތިރީސް ފުލައިޓުގެ މަގުން ހަ ލައްކަ ރުފިޔާއަށް ބެލިކަމުގައި ވީނަމަވެސް މިއީ 18 މިލިއަން ދިވެހި ރުފިޔާ," އެ މައްސަލައިގައި ބުންޏެވެ.

މާޒް ސަލީމް: އޭނާ ވަނީ ޕީއެންސީ ޖަލްސާއަށް ޚަރަދުކުރި ގޮތް ހޯދަން ހުށަހަޅާފައި----- ސަން ފޮޓޯ/ އަފްވާން ސޮލާހް
ހަމައެހެންމެ، ޕީއެންސީ ޖަލްސާއަށް މީހުން މާލެއަށް ގެނައުމަށްޓަކައި ކަނޑު އުޅަނދުތައް ވެސް ކުއްޔަށް ހިފިކަމާއި ޖަލްސާއަށް މާލެ ގެނައި ފަރާތްތަކަށް 1000 ރުފިޔާއާއި 2000 ރުފިޔާގެ މަގުން ވަނީ ފައިސާ ދީފައިވާ ކަމަށް މާޒް ތުހުމަތުކުރައްވާފައިވެއެވެ.
މާޒް އެ މައްސަލައިގައި ހުށަހަޅުއްވާފައި ވަނީ، ޕީއެންސީ ޖަލްސާއަށް މީހުން ގެނައުމަށް ފުލައިޓުތަކާއި ދޯނިތަކާއި ފައިސާ ދައްކާފައިވޭތޯއާއި މި ޖަލްސާ ބޭއްވުމަށް ދައުލަތުގެ އެއްވެސް ރިސޯސެއް ބޭނުންކޮށްފައިވޭތޯ ބަލައިދިނުމަށް އެދިއެވެ.
ކޮރަޕްޝަންގެ އެއްވެސް އަމަލެއް މިކަމުގައި ހިނގާފައި ވޭތޯ ބެލުމަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީއެންސީން ވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ސަޕޯޓަރުން ގެނެސްގެން ބޮޑު އެއްވުމެއް ބާއްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މި އެއްވުމަށް 13،000އަށް ވުރެ ގިނަ މީހުން އެއްވިއެވެ.
ރައީސްގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ މެންބަރުން އަންނަނީ އެއީ ފަހުގެ ތާރީޚެއްގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތުގެ ގޮތުގައި ސިފަކޮށް، އެކަމުން ދައްކުވައިދެނީ ސަރުކާރަށާއި ރައީސަށް އޮތް ތާއިދު ކަމަށް ބުނަމުންނެވެ. ނަމަވެސް އެ ޖަލްސާއާ ގުޅުވައި، އިދިކޮޅާއި ބައެއް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެއެވެ.