20 Nov 2025, 14:33
ބޮޑުތަކުރުފާނު މަގު ޕަމްޕް ސްޓޭޝަން ކައިރިން އެކްސިޑެންޓުތައް ގިނަވާ ކަމަށް ބުނެ، ފުލުހުން އެތަން ފާހަގަކޮށްފިއެވެ.
މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، ކޮއިމަލާ ހިނގުމާ ގުޅޭ ގޮތަށް އޮންނަ ބޮޑުތަކުރުފާނު މަގުގެ ސަރަހައްދަކީ އެކްސިޑެންޓުތައް ގިނައިން ހިނގާ ހިސާބެއް ކަމަށެވެ. ފުލުހުން މި ޕޯސްޓު ކޮށްފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަމްޕް ސްޓޭޝަންގައި ހަރުކޮށްފައިވާ ބޮޑު ބޯޑެއް މެދުވެރިކޮށް، އާންމުންނަށް މެސެޖް ރައްދުކުރުމަށް ފަހުގައެވެ.
އެހެންވެ، އެ ތަނުން ދުއްވާއިރު ސަމާލުވުމަށް ފުލުހުންގެ ޕޯސްޓުގައި އެދިފައިވެއެވެ.
ފުލުހުން ވަނީ މާ ބާރަށް ވެހިކަލް ނުދުއްވުމަށާއި ބަލައިގެން ދުއްވުމަށް ސަމާލުވުމަށް ވެސް އެދިފައެވެ. އަދި، މަގުމަތީގެ ގަވައިދަށް އަމަލުކުރުމުގެ އިތުރުން އުޅަނދު ދުއްވާއިރު އެކަށީގެންވާ ދުރުމިނެއް ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚާއްސަ ސަމާލުކަމެއް ބަހައްޓައިގެން ދުއްވުމުން، މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓުތަކުން ތިމާއާއި އެހެން މީހުންގެ ފުރާނަ ރައްކާތެރިކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް 2674 އެކްސިޑެންޓުގެ މައްސަލަތައް އެ މުއައްސަސާއަށް ރިޕޯޓުކޮށްފައިވެއެވެ. ރާއްޖޭގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވަމުން އަންނައިރު، އެފަދަ ހާދިސާތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބި، ފުރާނަ ވެސް ގެއްލިފައިވެއެވެ.
އެކްސިޑެންޓުތައް އިތުރުވާތީ، މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އަޅައި ތަންފީޒު ކުރަން ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފައެވެ.
މީގެ އިތުރުން، މާލޭ ސަރަހައްދުގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާ ގޮތަށް ފުލުހުންގެ ސިޔާސަތަށް ބަދަލު ގެނެސް، އެއަށް އަމަލުކުރަން ވެސް ފެށިއެވެ.