މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓާ އެކު މ. ނާލާފުށިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދެ މީހުން ހައްޔަރު ކުރީ އީދުބަންދާ ދިމާކޮށް މ. މުލީ ޕޮލިސް ސްޓޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެހާކަން ހާއިރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މުލީ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަންގައި އެކިފަހަރު މަތިން އެ ރަށުގެ 20 މީހަކު ބަލައި ފާސްކުރި ކަމަށާއި ނަމަވެސް ޕެކެޓުތައް ފެނިފައި ވަނީ އެދެ މީހުންގެ އަތުން ކަމަށްވާތީ ހައްޔަރު ކުރީ އެ ދެ މީހުން އެކަނި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ރަބަރު ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ސެލޯފިން ކޮޅެއް ވެސް ފެނުނު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރި އިރު އޭގެ ތެރެއިން އެކަކު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީ އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އަނެއް މީހާ ޕޮޒިޓިވް ވެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕީއައި އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.