20 Nov 2025, 14:18
ކެނދިކުޅުދޫ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން ނޫނު އަތޮޅުގެ ރަށްތަކަށާއި ރިސޯޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދި މެންގްރޫވް އައިލެންޑް ހުސް ނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025 މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި ކެނދިކުޅުދޫ ޓާފް ވޮލީ ކޯޓުގައެވެ. މިމުބާރާތަކީ ސްޕޯޓްސް ކްލަބުން އިންތިޒާމްކޮށްގެން މުޅިން އަލަށް ނޫނު އަތޮޅުގެ ވޮލީބޯޅަ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތަކެވެ.
ކެނދިކުޅުދޫ ސްޕޯޓްސް ކްލަބަކީ ކެނދިކުޅުދޫގެ ކުޅިވަރު ކުރި އެރުވުމަށް ކެނދިކުޅުދޫ ކައުންސިލުން އުފައްދާފައިވާ ކްލަބެކެވެ.
ޖުމުލަ 14 ޓީމާއެކު ފަށާ މިމުބާރާތަކީ މުޅި ނޫނު އަތޮޅަށް އަމާޒުކޮށްގެން ކެނދިކުޅުދޫގައި ކުރިޔަށް ގެންދާ މުބާރާތަކެވެ. މިމުބާރާތް ކުރިއަށްގެންދަނީ 4 ޑިވިޝަނަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ޑިވިޝަންތައް ބެހިފައިވަނީ މެންސް ޑިވިޝަން، ވިމެންސް ޑިވިޝަން، ރިސޯޓު ލީގު އަދި ސުޕަ ލީގަށެވެ. ރިސޯޓު ލީގުގައި ދެ ޓީމް އަދި ފިރިހެން ޑިވިޝަނުގައި ވާދަކުރުމަށް 7 ޓީމެއް ބައިވެރިވެފައިވާ އިރު މިމުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވެފައިވަނީ ފަސް ޓީމެވެ. އަދި މިމުބާރާތުގެ ސުޕަރ ލީގުގައި ވާދަކުރާނީ ރިސޯޓު ލީގުގެ ޗެމްޕިއަނުންނާއި ރަނަރަޕް އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނުންނާއި ރަނަރަޕެވެ.
މިމުބާރާތުގެ ރިސޯޓު ލީގުގައި ބައިވެރިވެފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އަދި ރޮބިންސަން ނޫނެވެ. މި ޑިވިޝަނުންގައި ދެ ޓީމު ބައިވެރިވެފައިވާތީ މިދެޓީމު ވަނީ ދި މެންގްރޫވް އައިލެންޑް ހުސް ނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ސުޕަރ ލީގަށް ކޮލިފައިވެފައެވެ. އަދި މިދެޓީމް ބައްދަލު ކުރާ ފުރަތަމަ މެޗު ވެގެންދާނީ ރިސޯޓް ލީގުގެ ފައިނަލަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ އޯޕަނިން ސެރެމަނީއަށް ފަހު މިރޭ 21:00 ގައެވެ.
ފިރިހެން ޑިވިޝަން ކުރިޔަށް ގެންދަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ މާޅެންދޫ ވޮލީ ޓީމް، ޓީމް ލަންދޫ، ހެނބަދޫ ވޮލީބޯޅަ ޓީމް އަދި މާފަރި ވޮލީބޯޅަ ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ ކެނދިކުޅުދޫ ވޮލީބޯޅަ ޓީމް، ނެއިބާސް ވޮލީ ޓީމް އަދި ޅޮހި ސްޕޯޓްސް ކްލަބެވެ.
މި ޑިވިޝަނުގެ ޗެމްޕިއަނުން އަދި ރަނަރަޕް ޓީމް ދި މެންގްރޫވް އައިލެންޑް ހުސް ނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ ސުޕަ ލީގަށް ކޮލިފައިވާނެއެވެ. މި ޑިވިޝަނުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 28 ނޮވެންބަރު 2025 ގެ ރޭގަނޑު 20:00 ގައެވެ.
ޖުމުލަ ފަސް ޓީމާއެކު އަންހެން ޑިވިޝަން ފަށާއިއިރު މިޑިވިޝަންގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހުރިހާ ޓީމަކާ ބައްދަލުކުރާ ގޮތަށެވެ. ސެމީ ފައިނަލަށް ގްރޫޕް ސްޓޭޖްގެ އެންމެ މަތިން ޕޮއިންޓް ހޯދާ 4 ޓީމު ދަތުރު ކުރާނެއެވެ.
މި ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް، ޓީމް ލަންދޫ، މާޅެންދޫ ވޮލީ ޓިމް، ޅޮހި ސްޕޯޓްސް ކްލަބް އަދި ވެލިދޫ ސްޕޯޓްސް ކްލަބެވެ. ދި މެންގްރޫވް އައިލެންޑް ހުސް ނޫނު ވޮލީބޯލް ޗެމްޕިއަންޝިޕް 2025 ގެ އަންހެން ޑިވިޝަނުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 6 ޑިސެންބަރު 2025 ގެ ހަވީރު 16:00 ގައެވެ.
ސުޕަރ ލީގު ފައިނަލުގައި ކުޅޭނީ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަނުން އަދި ރަނަރަޕް ޓީމް އަދި ރިސޯޓު ލީގުގެ ޗެމްޕިއަނުން އަދި ރަނަރަޕް ޓީމް ގްރޫޕް ސްޓޭޖުގައި ކުޅެ ގްރޫޕުގެ 1 ވަނަ އަދި 2 ވަނަ ޓީމެވެ.
ސުޕަ ލީގު ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 6 ޑިސެންބަރު 2025 ވަނަ ދުވަހުގެ ރޭ 20:00 ގައެވެ.