ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި އެންޑީއޭގެ ފަރުވާގައި ބައިވެރިވާ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެންޑީއޭއިން ފަރުވާ ހޯދާ ކްލަޔަންޓުންނަށް މަސްތުވާތަކެތިދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި މުހައްމަދު ފަސީހު، 51، ފްލޮރިޑާ/ސ. ފޭދޫ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އެންޑީއޭއިން އެ މުއައްސަސާއަށް ހުށަހެޅީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި ފަސީހު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރާއްޖޭގައި ޑުރަގުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގައި ޑުރަގު ބޭނުންކުރާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެއެވެ. އަދި ފަރުވާ ހޯދާ މީހުން ތިބޭ ސެންޓަރުތަކަކީ މަސްތުވާތަކެއްޗާއި، އެހެނިހެން މަނާ ތަކެތި ނެތް ރައްކާތެރި ތަންތަންކަން ކަށަވަރުކުރަން އެންޑީއޭއިން އޮޕަރޭޝަންތައް ހިންގާ ކަމަށް އެ އޭޖެންސީން މީގެ ކުރިން ބުނެފައިވެއެވެ.