މާލީ ބައިވެރިވުން އިތުރުކުރަން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން "އައުޓްސްޓޭންޑިން އެޗީވްމަންޓް އޮފް ދަ އިޔާ އިން ފައިނޭންޝަލް އިންކްލޫޝަން" އެވޯޑު, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ދީފިއެވެ.

ދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025 ގައި ބީއެމްއެލްއަށް މި އެވޯޑު ދީފައިވަނީ، "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއާ އެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިން ޚިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރުކުރުމަށް ކުރާ މަސައްކަތަށެވެ.

ބޭންކިން ޚިދުމަތް ފުޅާކުރުމުގެ މި މަޝްރޫއު ބީއެމްއެލްއިން ނިންމާލާފައިވަނީ މިދިޔަ މަހު 28 ގައެވެ.

ބީއެމްއެލްއިން ބުނީ، "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ނުވަ މަހުގެ ތެރޭގައި ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، އެތައް ދިވެހީންނަށް ފަސޭހަކަމާ އެކު، ވާސިލުވެވޭނެ ބޭންކިން ޚިދުމަތެއް ގާއިމުކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް --- ފޮޓޯ/ ބީއެމްއެލް

މި ކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބުތަކަށް އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރި މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެވޯޑު ލިބުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

އެގޮތުން، އެ ކަމުން ހާމަވަނީ އޭޓީއެމް މަޝްރޫއުގެ މުހިންމުކަމާއި ބޭނުންތެރިކަން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް އަދި އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ޚިދުމަތެއް ފޯރުކޮށްދިނުން،" ޝަރީފް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޯރަސްއަކީ މާލީ ދާއިރާގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. މީގެ އިތުރުން، ކޯރަސްއަކީ ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ލިބިފައިވާ ބްރޭންޑެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު، 20 އަތޮޅުގައި 42 ބްރާންޗާއި 202 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 262 އޭޓީއެމް ބީއެމްއެލްއިން ވަނީ ގާއިމުކޮށްފައެވެ.