20 Nov 2025, 13:21
ދިވެހިރާއްޖެއަށް ބޭސް އެތެރެކުރަން އުފެއްދި ކުންފުނީގެ ސަބަބުން މިހާރު ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްސަކޮށް، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި، އާ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ސެޕްޓެންބަރު ނުވައެއްގައި ވަނީ އުފައްދަވާފައެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ނާޒިމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރެވިފައި އޮތީ، ވަށާ ޖެހޭ ސިއްހީ ނިޒާމެއް ފޯރުކޮށްދިނުމުގެ މައްޗަށް ކަމަށެވެ.
އެގޮތުން، ދިވެހި ސިއްހީ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް މިނިސްޓަރު ފާހަގަކުރެއްވީ، ހުރިހާ ވަސީލަތްތަކާއި ތަކެތި ގެނައުމަށް ބޭރު ގައުމުތަކަށް ބަރޯސާވާން ޖެހިފައި އޮތުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ހެލްތު މިނިސްޓަރު އަހުމަދު ނާޒިމް: ނާޒިމް ވިދާޅުވީ، ބޭސް ކުންފުނީގެ މަސައްކަތުން މިހާރު ހުރި ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
ސިއްހީ ދާއިރާއަށް ތަކެތި އެތެރެކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށާއި އެ ކަމަށް ޚާއްސަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
ހަމައެހެންމެ، އަތޮޅުތެރެއާއި މާލޭއަށް ބޭނުންވާ ފާމަސޫޓިކަލްތައް ނުވަތަ ބޭސްތައް އިތުރަށް ބޭނުންވާނެ ކަމަށާއި ޚާއްސަ ކުންފުންޏެއް އުފެއްދީ، ހަރުދަނާ ނިޒާމެއް ގެނައުމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެ ކުންފުނީގެ އިދާރީ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާކަން ނާޒިމް ފާހަގަކުރެެއްވިއެވެ.
އަޅުގަނޑަށް ހަމަ ވަރަށް އުންމީދު އެބައޮތް މި ކުންފުނީގެ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެނަށް މިއަދު މި ހުރި ގިނަ ގޮންޖެހުންތަކުން އަރައިގަނެވި، ދެމެހެއްޓެނިވި ނިޒާމަކަށް މި ނިޒާމު ވެގެންދާނެކަން،ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
މިނިސްޓަރު އެހެން ވިދާޅުވިއިރު، ބޭސް ކުންފުނީގެ މަސައްކަތް ފަށަން އަދި ގާތްގަނޑަކަށް ހަތަރު މަސް ނަގާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު މިދިޔަ މަހު އަށެއްގައި ވަނީ ވިދާޅުވެފައެވެ.
މި ވަގުތު ބޭސް ކުންފުނީގެ ދަށަށް ބޭހުގެ ކަންކަން ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް، ޝާހު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ދަށަށް ހުރިހާ ޚިދުމަތެއް މުޅިން ބަދަލުވުމާ ހަމައަށް އެސްޓީއޯއިން މިހާރު ވެސް ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރާނެއެވެ.
މި ކުންފުނި އުފެއްދިއިރު، އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްއާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނެސް ވިއްކަމުންނެވެ. އަދި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެސްޓީއޯގެ ބޭސް ފިހާރަތައް ވެސް ވަނީ ގާއިމުކޮށްފައެވެ.
އެހެންވެ، އާ ކުންފުނިން ބޭހުގެ އެންމެހާ ކަންކަމާ ހަވާލުވުމުން، ފާމަސީތައް ހިންގުން ވެސް އެ ކުންފުނީގެ ދަށަށް ބަދަލުވާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ބޭސް ނުލިބޭ ކަމުގެ ޝަކުވާތައް އަދިވެސް ބޮޑެވެ. އެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން ގިނަ ތާރީޚުތަކެއް ދިން ނަމަވެސް އަދިވެސް ދޭތެރެއަކުން އެ މައްސަލަ ފެންމަތިވިއެވެ. އެއީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.