20 Nov 2025, 14:16
ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން އިހުތިޖާޖުކުރަން ފަށައިފިއެވެ.
ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައެވެ. މި އަހަރު މުސާރަ ބޮޑުނުވާ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއުލާންކުރައްވާފައެވެ.
އެހެންނަމަވެސް، ޕޭ ހާމަނައިޒޭޭޝަންގެ ސަބަބުން އައި ބަދަލާ ގުޅިގެން ބައެއް ސަރުކާރު އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވާކަމުގެ ކަންބޮޑުވުން މުވައްޒަފުން ދަނީ ފާޅުކުރަމުންނެވެ.
ނަން ހާމަނުކުރަން ޝަރުތުކޮށް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މެޖިސްޓްރޭޓުން ފިޔަވައި އެ ކޯޓުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާއަށް މިއަދު ނުކުތީ އެންމެ ތިން މުވައްޒަފުންނެވެ. އޭނާ މައުލޫމާތުދިން ގޮތުގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި މެޖިސްޓްރޭޓުން ނުލައި ޖުމްލަ 23 މުވައްޒަފުން މަސައްކަތްކުރެއެވެ. އޭނާ ބުނި ގޮތުގައި ވިހި މުވައްޒަފުން މިއަދު ސަލާމުގައި ތިބިއިރު އިއްޔެ އެ ރަށު ކޯޓުގެ މުވައްޒަފުން މަސައްކަތަށް ނުކުތީ ކަޅު ހެދުމުގައެވެ.

ފުވައްމުލައް މެޖިސްޓްރޭޓު ކޯޓު -- ފޮޓޯ: ފޭސްބުކް
ކޯޓުގެ މުވައްޒަފު ބުނި ގޮތުގައި މި މުވައްޒަފުން މިއަދު މަސައްކަތަށް ނުދިޔައީ ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރައަށް އައި ބަދަލާ ގުޅިގެންނެވެ. އޭނާ ބުނާ ގޮތުންނަމަ މި މަހުގައި މުސާރަ ލިބޭނެ ވަރެއް ވެސް ބައެއް މުވައްޒަފުންނަށް އޮޅުންފިލުވައިދީފައި ނުވެއެވެ.
އޭނާ ބުނީ ކޯޓުގެ ދަށް ރޭންކުގެ މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތްކޮށްގެން މަހެއްގެ މައްޗަށް ގެންދާ 14،000 ރުފިޔާ މިހާރު ލިބޭނީ އެތައް ގަޑިއިރެއްގެ މަސައްކަތަށްފަހުގައި ކަމަށެވެ. ވީމާ، ގިނަ މުވައްޒަފުން މިކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންދާއިރު ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މީގެ ކުރިން 14،000 ވަރު ގެޔަށް ގެންދާ އެޑްމިނިސްޓްރޭޓަރުންނަށް މިހާރު އޯޓީ އާ ނުލައި 30،000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް އޭނާ ބުންޏެވެ. އަދި، ޕޭ ހާމަނައިޒޭޝަންގެ ދަށުން ބޭސިކް ސެލަރީ ބޮޑުކުރުމާ ގުޅިގެން ޕެންޝަނަށް ކަނޑާނެ އިންސައްތަ ބޮޑުވުމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކޮށްފައިވެއެވެ.
މުވައްޒަފު ކިޔާދިން ގޮތުގައި ކޯޓުގެ ގިނަ މުވައްޒަފުންނަކީ ރަސްމީ މަސައްކަތުގެ ވަގުތަށްފަހު ވެސް އެތައް ގަޑިއިރެއް ވަންދެން މަސައްކަތްކުރަން މަޖުބޫރުވާ މުވައްޒަފުންނެވެ. ކަން މިހެން އޮތް ހިނދު، އޯޓީ 10 އިންސައްތައިން ކެޕް ކުރުމާ ގުޅިގެން އިދާރީ މުވައްޒަފުންނަށް މަހެއްގެ މައްޗަށް ލިބޭ މުސާރަ ކުޑަވާނެ ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު --
"ހަވީރު 16:00ގެ ފަހުން މި ލިބެނީ ކޮންޓިނިއުޓީ އެލަވަންސެއް. އެކަމަކު 16:00އިން 18:00އަށް އޯޓީ ނުހިނގާ. ދެން އޭގެ ފަހުން އިތުރަށް ދެ ގަޑިއިރު މަސައްކަތް ކޮށްގެން އޯޓީ ލިބޭނީ. ލަފާކުރެވޭ ގޮތުގައި އިދާރީ މުވައްޒަފުންގެ މަހު މުސާރައިން 4،000 ރުފިޔާ ވަރު މަދުވާނެ," ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފު ބުނެފައިވެއެވެ.
ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުގެ އިތުރުން އެހެން ކޯޓުތަކުގެ މުވައްޒަފުން ވެސް ދަނީ ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ޖުޑީޝަރީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމުގެ ޝަކުވާ ކުރަމުންނެވެ.
ފުވައްމުލަކު ކޯޓުން ވާހަކަދެއްކި މުވައްޒަފު ބުނި ގޮތުގައި ކޯޓުތަކުގެ މުވައްޒަފުންތަކެއް ދަނީ ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީސް ހިމެނޭހެން 10 އިދާރާއަކަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. މިހާތަނަށް ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 120 މުވައްޒަފުން މި ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކޯޓުތަކުގައި މަސައްކަތްކުރާ ލީގަލް މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ޕެޓިޝަނެއް ހުށަހަޅަން ވެސް ވަނީ ތައްޔާރުވެފައެވެ.