20 Nov 2025, 11:35
މުސްލިމުން ގިނަ އެމެރިކާގެ މިޝިގަން ސްޓޭޓްގެ ޑިއާބަން ސިޓީގައި އިސްލާމްދީނާ ދެކޮޅަށް ބޭއްވި ހިނގާލުމެއްގައި އެމެރިކާގެ ސެނެޓުގެ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއް ކަމަށްވާ ޖޭކް ލެންގް ކީރިތި ޤުރުއާނުގެ ކޮޕީއެއް ނުވަތަ ހަތިމެއް އަންދާލަން މަސައްކަތްކޮށްފިއެވެ.
ނޫސްވެރިއެއް ކަމަށްވާ ބްރެންޑަން ގުޓެންޝްވާގާ ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ފެންނަ ގޮތުގައި އަންގާރަ ދުވަހު ބޭއްވި އެ އެއްވުމުގައި ލެންގް ވަނީ ހަތިމެއް އެއްލާލައި އޭނާގެ އަތުގައި އޮތް ލައިޓަރަކުން އަލިފާން ރޯކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް އެމީހުންނާ އިދިކޮޅަށް މުޒާހަރާ ކުރި މީހަކު ވަނީ އަންދާލުމުގެ ކުރިން ހަތިމް ބިންމަތިން ނަގާފައެވެ.
އެއާއެކު ލެންގު ވަނީ އޭނާ އަތުގައި ޤުރުއާނުގެ އެހެން ކޮޕީއެއް އޮތް ކަމަށް ބުނެފައެވެ.
ދެހާސް އެކާވިސް ވަނަ އަހަރު ޖެނުއަރީ ހަ ވަނަ ދުވަހު އެމެރިކާގެ ކެޕިޓޯލްގައި ހިންގި ހަމަނުޖެހުންތަކުގެ ބައިވެރިވި ލެންގްއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މައާފްދެއްވާފައެވެ. އޭނާ މިހާރު އަންނަނީ ފޮލްރިޑާ ސްޓޭޓްގެ ސެނެޓަށް ވާދަކުރައްވަމުންނެވެ.
އެ މުޒާހަރާއަށް ފަހު ޑިއާބޯން ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި ލެންގް ވަނީ ބައިވެރިވެފައެވެ. ކައުންސިލް މެމްބަރުންގެ ގޮތުގައި މުސްލިމުންވެސް ތިބިއިރު، ލެންގް ވަނީ އެ މީހުންނަކީ މުސްލިމުންނަށް ވީތީ އެމެރިކާއަށް އެ މީހުން ބޭނުން ނުވާ ކަމަށް ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން މިޝިގަންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާ ކާޓިސް ހާޓެލް ވަނީ ލެންގްގެ އެ އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި ޑިއާބޯން އަކީ ގިނަ ސަގާފަތްތަކެއް ހިމެނޭ އެންމެންވެސް ގުޅިގެން އުޅޭ ރަހްމަތްތެރި ސިޓީއެއް ކަމަށްވެސް އެ ޕާޓީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ.