20 Nov 2025, 10:24
ވޭޕްކުރުމާއި އެ ތަކެތި ގެންގުޅުން މަނާކުރިތާ އަހަރެއް ތެރޭގައި، ރާއްޖެ އެތެރެކުރަން އުޅުނު އެ ޒާތުގެ 53،000އަށް ވުރެ ގިނަ ތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.
ސަރުކާރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުމާއި އެތަކެތި ރާއްޖޭގައި ގެންގުޅުން މަނާކުރީ، މިދިޔަ އަހަރުގެ ނޮވެންބަރު 15ގައެވެ.
އޭގެފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ކަސްޓަމްސްއިން މިއަދު ބުނީ އަހަރެއް ތެރޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރަން އުޅުމުގެ 176 މައްސަލަ ހޯދާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި 53،300 ތަކެތި ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
މިހާރު ގާނޫނަށް ގެނައި ބަދަލާއެކު އީ-ސިނގިރޭޓު އަދި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ، އެ ފަރާތެއް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އެފަދަ މައްސަލަތަކުގައި ނިމުނު އޮކްޓޫބަރު މަހުގައި ވަނީ، 35 މީހަކު 226،000 ރުފިޔާގެ ބޮޑު ޖޫރިމަނާއެއް ކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވަރަށް ފަހުން ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގެ ސުކޫލުތަކުން މީގެކުރިން ދުވާލަކަށް 50 އާއި 60 އެއްހައި ސްޓިކް ފެނެއެވެ. އެއާ ޚިލާފަށް، މިހާރު ނުފެނެއޭ ބުނާ ވަރަށް ސުކޫލުތަކުން ވޭޕް ފެނުން މަދުވެއްޖެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ވޭޕް ކުރުން މަނާކުރުމުގެ އިތުރަށް، ސަރުކާރުން ވަނީ، ދުންފަތާ ދެކޮޅަށް އިތުރު ފިޔަވަޅުތައް ވެސް އަޅާފައެވެ، މިގޮތުން، 2007 ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް މި މަހުން ފަށައިގެން ވަނީ، ސިނގިރޭޓު މަނާކޮށްފައެވެ. އޭގެކުރިން ދުންފަތުން ނަގާ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފައެވެ.
އެ މަސައްކަތްތައް ފާހަގަކޮށް، ރާއްޖެއަށް ވަނީ މިފަހުން، ބައިނަލްއަގުވާމީ އެވޯޑެއް ވެސް ލިބިފައެވެ. ރާއްޖެއަށް ލިބިފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކުރާ 'ގްލޯބަލް ސެންޓާ ފޯ ގުޑް ގަވަނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)ގެ އިންޓެގްރިޓީ އެވޯޑެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް މިދިޔަ މެއި މަހު އެމަނިކުފާނަށް ވަނީ އަރުވައިފައެވެ.
މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ.
މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.