ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް، ރަނގަޅު މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށްޓަކައި، 'ޑީސެންޓް ވާކް ކަންޓްރީ ޕްރޮގްރާމް' (ޑީޑަބްލިއުސީޕީ) 2025-2031 ތަންފީޒުކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިރާއްޖޭގައި އަބުރުވެރި މަސައްކަތުގެ ޕްރޮގްރާމްތައް ކުރިއެރުވުމާއި، މަސައްކަތްތެރިންގެ ހައްޤުތަކަށް އިސްކަންދީ، އިންސާފުވެރި އަދި އެއްވެސް ތަފާތުކުރުމެއް ނެތް މަސައްކަތުގެ މާހައުލެއް ބިނާކުރުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މަސައްކަތްތެރިން ތަމުސީލުކުރާ ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތައް ތަމުސީލުކުރާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ، (އައިއެލްއޯ)އާ ދެމެދުއެވެ.

ޑީޑަބްލިއުސީޕީއާ ރާއްޖެއާއެކު އެއްބަސްވުން ހެދުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރް އަޙްމަދު

މި އެމްއޯޔޫގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވަނީ ދިވެހިރާއްޖެއަށް ޚާއްޞަކުރެވިފައިވާ ޑީސެންޓް ވާކް ކަންޓްރީ ޕްރޮގްރާމް 2025-2031 ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމަށް އިޤްރާރުވެފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ލޭބާ މާކެޓްގެ ހުރިހާ ދާއިރާއަކަށް އޭގެ ފައިދާ ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ޑީޑަބްލިއުސީޕީގެ ދަށުން އިސްކަންދޭ މުހިންމު ތިން ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ:

  • ހުރިހާ އެންމެންނަށް ހިއްސާކުރެވޭ ތަނަވަސްކަމާއި ޝާމިލުކުރުވަނިވި އިންސާނީ ތަރައްޤީ ކުރިއެރުވުން.

  • ބައިނަލްއަޤްވާމީ ލޭބާ ސްޓޭންޑަޑްތައް ތަސްދީގުކުރުން އިތުރުކުރުމާއި، މިންތިއާއި ގިންތީގެ ހަމަހަމަ ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތަކުގެ ތެރެއިން އެކަންކަން ތަންފީޒުކުރުން.
  • ޖެންޑާ ރެސްޕޮންސިވް ޓްރައިޕާޓިޒަމް އަދި އިޖުތިމާޢީ މަޝްވަރާގެ ނިޒާމުތަކާއި، އިޖުރާއަތްތަކާއި، ޤާބިލިއްޔަތުކަން ހަރުދަނާކުރުން.

މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތުގެ މިންގަނޑުތަކަށް ރާއްޖެ ތަބާވުމަށް މަގުފަހިވެ، މަސައްކަތްތެރިންނަށް ރައްކާތެރިކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް މި ޕްރޮގްރާމުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެެއް ކަމަށެވެ.