އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ހަމަލާތައް ހުއްޓާލުމަށް މިދިޔަ މަހު 10 ވަނަ ދުވަހު އެއްބަސްވި ނަމަވެސް، އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ޣައްޒާގެ 28 މީހަކު އިއްޔެ ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނީ, އިސްރާއީލުން ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ 77 މީހަކު ޒަޚަމު ވެސް ވެފައިވާ ކަމަށެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ ދެކުނުގެ އަލް މަވާސީ ސަރަހައްދު ހިމެނޭ ގޮތަށް ވަކި ތިން ތަނަކަށެވެ. އަދި، އެއީ ޚާން ޔޫނިސްއާ ކައިރި ސަރަހައްދެއް ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

އިސްރާއީލުން ބޮން އަޅައި ސުންނާފަތިކޮށްފައިވާ ޣައްޒާގެ ޖަބަލިއާ ރެފިއުޖީ ކޭމްޕް. ފޮޓޯ/އަންދޮލު އޭޖެންސީ

އިސްރާއީލުން ވަނީ ފަލަސްތީނުގެ ގިނަ އާއިލާތަކެއް ދިރިއުޅެމުން އަންނަ ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި ހުންނަ ޝުޖަޔޭއާގެ ޖަންކްޝަންއަކާއި، ޒައިތޫން ސަރަހައްދުގައި ހުރި އިމާރާތަކަށް ވެސް ހަމަލާ ދީ 10 މީހުން މަރާލާފައެވެ. އޭގެ ތެރޭގައި އެއް އާއިލާއެއްގެ ބަޔަކު ވެސް ހިމެނެއެވެ.

އިސްރާއީލުން ބުނީ، ހަމަލާ ދީފައިވަނީ ވެފައިވާ އެއްބަސްވުމުގެ ދަށުން އިސްރާއީލު ސިފައިން ތިބުމަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް ހަމާސްގެ ހަނގުރާމަވެރިން ވަދެ ހަމަލާ ދިނުމުން ކަމަށެވެ. ނަމަވެސް، ހަމާސްއިން އެކަން ދޮގުކުރެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލަން ވީ އެއްބަސްވުމާ ހިލާފަށް އިސްރާއީލުން މިހާތަނަށް ދިން އެންމެ ނުރައްކާ އެއް ހަމަލާގައި ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު އިސްރާއީލާއި ހަމާސްއިން ދަނީ އެއްބަސްވުމާ ޚިލާފުވުމުގެ ތުހުމަތު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ.

އަލްޖަޒީރާގެ ރިޕޯޓުކުރާ ގޮތުގައި އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ގާތްގަޑަކަށް 393 ފަހަރު ޚިލާފުވެފައެވެ.