20 Nov 2025, 09:38
ނިއު ޔޯކު ސިޓީގެ މޭޔަރު ކަމަށް އަލަށް އިންތިޚާބުވެވަޑައިގެން ޒަހްރާން މަމްދާނީއާ މާދަމާ ވައިޓް ހައުސްގައި ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ.
މަމްދާނީގެ ޓްރާންސިޝަން ޓީމުންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
"ނިއުޔޯކް ސިޓީގެ ކޮމިއުނިސްޓް މޭޔަރު ޒަހްރާން މަމްދާނީ ބައްދަލުވުމަކަށް އެދިވަޑައިގެންފި. މި ބައްދަލުވުން އޮންނާނީ ނޮވެމްބަރު 21 ވާ ހުކުރު ދުވަހު އޯވަލް އޮފީހުގައި،" ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެއެވެ.
އެ ބައްދަލުވުމާ ގުޅިގެން މަމްދާނީގެ ތަރުޖަމާނު ޑޯރާ ޕެކެކް ބުނީ މަމްދާނީ ޓްރަމްޕާ ބައްދަލު ކުރައްވަނީ އާންމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ މަޝްވަރާ ކުރުމަށް ކަމަށެވެ.
މޭޔަރުކަމުގެ ރޭހަށް މަމްދާނީ ނުކުންނެވި ހިސާބުން ފެށިގެން ޓްރަމްޕާއި އެމަނިކުފާނުގެ ޓީމުން ވަނީ މަމްދާނީއަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކޮށް ބަހުގެ ހަމަލާތައް ދީފައެވެ.
އެގޮތުން މަމްދާނީ އިންތިޚާބުކޮށްފި ނަމަ ފެޑެރަލް ސަރުކާރުން ނިއު ޔޯކަށް ދޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ދަތިކުރާނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.
ޝިއައީ މުސްލިމެއް ކަމަށްވާ މަމްދާނީ ނިއު ޔޯކުގެ މޭޔަރު ކަމަށް އިންތިޚާބުވީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައެވެ. އުމުރުން 34 އަހަރުގެ މަމްދާނީއާ އެންމެ ގާތުން ވާދަކުރެއްވީ ނިއު ޔޯކްގެ ގަވަރުނަރުގެ މަގާމުން އިސްތިއުފާ ދެއްވި އެންޑްރޯ ކުއޯމޯއެވެ.
މަމްދާނީގެ ކެމްޕެއިން ޚާއްސަކުރެއްވީ ނިއު ޔޯކް ސިޓީގައި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމުގެ މައްޗަށެވެ. ހިލޭ ޔުނިވާސަލް ޗައިލްޑް ކެއާ ދިނުމާއި، ސިޓީގެ ފަރާތުން ހިންގާ ގްރޯސަރީ ފިހާރަތައް ހުޅުވުމާއި، ބަހުގެ ޚިދުމަތް ހިލޭ ލިބޭ ގޮތް ހެދުމާއި، ކުލި ކޮންޓްރޯލްކުރުން އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނެއެވެ.