20 Nov 2025, 09:55
ދުނިޔޭގެ އެންމެ މަގުބޫލު މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ސްޕޮޓިފައިއިން، ލަވަތަކުގެ ސާމްޕްލްއާއި މައުލޫމާތު ހިމެނޭ މަޝްހޫރު ޑޭޓާބޭސް 'ހޫސާމްޕްލްޑް' ގަނެފިކަން އިއްޔެ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ސްޕޮޓިފައިއިން މިކަން އިއުލާނުކޮށްފައިވަނީ ނޮވެމްބަރު 19، 2025 ގައެވެ.
މިއީ އެ ކުންފުނީގެ މިއުޒިކް ޑިސްކަވަރީ ނުވަތަ އައު ލަވަތައް ހޯދުމުގެ ނިޒާމު އިތުރަށް ފުޅާކޮށް، އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް މުއްސަނދި ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ގޮތުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި ވިޔަފާރީގެ މުއާމަލާތުގެ ޖުމްލަ އަގު ދެފަރާތުންކުރެ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް، މި އެއްބަސްވުމުގެ ދަށުން ސްޕޮޓިފައިގެ އެޕްލިކޭޝަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި "ސޯންގް ޑީއެންއޭ" ގެ ނަމުގައި އައު ފީޗާއެއް ތައާރަފްކުރުން ހިމެނެއެވެ.
މި ފީޗާ މެދުވެރިކޮށް ސްޕޮޓިފައި ބޭނުންކުރާ ފަރާތްތަކަށް، އެވަގުތަކު އަޑުއަހަމުންދާ ލަވައިގައި ހިމެނޭ ސާމްޕްލްތަކާއި، އެ ލަވައަކީ އެހެން ލަވައެއް އަސްލަކަށް ބަލައިގެން ކިޔާފައިވާ "ކަވާ" ލަވައެއްނަމަ އެކަން ފަސޭހަކަމާއެކު އެޕްލިކޭޝަންގެ ތެރެއިން ބަލާލެވޭނެއެވެ.
ސްޕޮޓިފައިގެ މިލްކިއްޔާތަށް ދިޔަ ނަމަވެސް، ހޫސާމްޕްލްޑްގެ ވެބްސައިޓާއި އެޕްލިކޭޝަން ވަކި ޕްލެޓްފޯމެއްގެ ގޮތުގައި ހިންގަމުން ގެންދާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އަދި މި ބަދަލާއެކު ހޫސާމްޕްލްޑް ބޭނުންކުރާ ފަރާތްތަކަށް އިޝްތިހާރުތައް ފެނުން ހުއްޓުވައި، މޯބައިލް އެޕްލިކޭޝަންގެ ހުރިހާ ޚިދުމަތެއް މުޅިން ހިލޭ ލިބިގެންދާނެ ގޮތް ހަމަޖައްސާނެކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މިއީ ހޫސާމްޕްލްޑް ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.
ހޫސާމްޕްލްޑް އަކީ 2008 ވަނަ އަހަރު ލަންޑަނުގައި އުފެއްދި ކުންފުންޏެކެވެ. މި ޕްލެޓްފޯމުގައި މިހާރުވެސް 1.2 މިލިއަން ލަވައާއި، 622,000 އަށްވުރެ ގިނަ ސާމްޕަލްގެ މައުލޫމާތު ރައްކާކުރެވިފައި ވާއިރު، މިއީ މިއުޒިކީ ފަންނާނުންނާއި ޕްރޮޑިއުސަރުންގެ އިތުރުން މިއުޒިކަށް ލޯބިކުރާ އާންމު ފަރާތްތަކުގެ މެދުގައި ވެސް، ލަވަތަކުގެ އަސްލު ހޯދުމަށް ބޭނުންކުރާ އެންމެ މަގުބޫލު އެއް ވަސީލަތެވެ.