މާލޭގެ ގެއެއްގައި އަންހެނަކު ގަދަކަމުން ހިފަހައްޓައި، އަނިޔާކުރި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު، މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މާލޭ، މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކު، ހުއްދަ ނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ ދުވަހުގެ އިރުއޮއްސި 18:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭގެފަހުން މިއަދު އެ މުއައްސަސާއިން ވަނީ، މި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެއީ، އުމުރުން 19 އަހަރުގެ އަޙްމަދު އާހިލް މުނާޒު، ހ. ފޯސީޒަން، ކ. މާލެއެވެ.

ފުލުހުން ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، މި ހަފުތާގައި މީހުންނަށް އަނިޔާކުރުމުގެ މައްސަލަތައް ފެންމަތިވުން ވަނީ އިތުރުވެފައެވެ. އެގޮތުން، އިއްޔެ ވެސް ވަނީ، ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރި މައްސަލައެއް ފެންމަތިވެފައެވެ.

އޭގެ އިތުރުން މަގުމަތިން ފުލުހުންގެ އެހީއަށް އެދިގެން ހޮސްޕިޓަލަށް ގެންދިޔަ އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައި ހުރި މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތިވެފައެވެ.