އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ އެކްޓަރު ރަންވީރު ސިންގްގެ ފިލްމު "ދުރަންދާރު"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ރަންވީރުގެ އިތުރުން ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރުންތަކެއް ހިމަނައިގެން އުފައްދާފައިވާ މި ފިލްމަކީ އެކްޝަން ސްޕައި ތުރިލާއެކެވެ.

ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ޑައިރެކްޓާރު އަދިތިޔަ ދާރްގެ "ދުރަންދާރު"އަކީ މި އަހަރު ސިނަމާތަކަށް ގެނެސްދޭ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ.

ރަންވީރުގެ އިތުރުން "ދުރަންދާރު" ފިލްމުން ފެންނާނެ މުހިއްމު ތަރިންގެ ތެރޭގައި ސަންޖޭ ދަތު، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، އާރް މާދަވަން އަދި މާނަލް ގޯހިލް ހިމެނެއެވެ. މި ފިލްމުގެ ބަތަލާގެ ރޯލްއިން ފެންނާނީ ރަންވީރަށް ވުރެ އުމުރުން އަހަރުތަކެއް ހަގު ސާރާ އަރުޖުންއެވެ.

ރަންވީރު ޑައިރެކްޓަރު އަދިތިޔަ ދާރްއާއެކު -- ފޮޓޯ/ ފިލްމުފެއަ

ސާރާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2023ގައި ގެނެސްދިން ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމު "ޕޮނިޔިން ސެލްވަން: ޕާޓް 2"އިންނެވެ.

މި ފިލްމަކީ އިންޑިއާގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ދިރިއުޅުން އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.

މިއީ އިންޑިއާގެ އަސްކަރިއްޔާއާ ސީދާ ގުޅުންހުރި ފިލްމަކަށް ނުވި ނަމަވެސް ބޯޑަރުގައި މަސައްކަތްކުރާ އޮފިސަރުން ހިންގާ އިންޓެލިޖެންސް އޮޕަރޭޝަންސްތަކާއި އެ މީހުން ގައުމަށްޓަކައިވާ ގުރުބާނީ ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމުގައި ރަންވީރުގެ ކެރެކްޓާގެ ވަރުގަދަކަމާ އެކު އެކްޓަރުގެ ކެރެކްޓާ އެންމެ ވައްތަރީ ރަންވީރު ވިލެންގެ ރޯލް ކުޅުނު ފިލްމު "ޕަދްމަވަތީ"ގެ ކެރެކްޓާއާ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

ނަމަވެސް މިއީ އެ ކެރެކްޓާއާ އެއްވެސް ގުޅުމެއް ނެތް ރޯލެއް ކަމަށް ރަންވީރު ވަނީ މީޑިއާގައި ބުނެފައެވެ. ފިލްމު "ދުރަންދާރު" ސިނަމާތަކަށް ގެންނާނީ ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ.