20 Nov 2025, 08:41
ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓްގެ ދަރިފުޅު ޕޫޖާ ބަޓް އެކްޓިންއާ ދުރުގައި އުޅުމަށް ފަހު، އަލުން ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޮލީވުޑްގެ 90އިގެ އަހަރުތަކުގެ ތެރޭ އެންމެ ބޮޑަށް ވިދާލި ބަތަލާ ސޮއިކޮށްފައިވަނީ މަންމައެއްގެ ރޯލަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގައި އެކްޓަރެއްގެ ރޯލުން ފެންނާނީ ޖިތެންދްރަ ކުމާރެވެ.
ވަކި ނަމެއް ހަމަޖެހިފައިނުވާ މި ފިލްމަކީ ޑައިރެކްޓަރު ހިތޭޝް ކެވަލިއާގެ ފިލްމެކެވެ. ހިތޭޝްއަކީ 2017 ވަނަ އަހަރު އަދި 2020 ވަނަ އަހަރު ރިލީޒްކުރި "ޝުބް މަންގަލް ޒާދާ ސާވްދާން"ގެ ވެސް ޑައިރެކްޓަރެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވަނީ އަންނަ އަހަރެވެ.

ޕޫޖާ އެއްބަފާ ދެ ކޮއްކޮ ކަމަށްވާ އާލިއާ އަދި ޝާހީންއާ އެކު--ފޮޓޯ/ކޮއިމޮއި
ފިލްމު "ދިލް ހެ ކެ މާންތާ ނެހީ" އާއޮ "ސަޅަކް"، "ބޯޑާ" އަދި "ޒަޚަމް" ފަދަ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ޕޫޖާއަކީ މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ އެއްބަފާ ދައްތައެވެ. ޕޫޖާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ 2022ގައި ޑައިރެކްޓަރު އާރް ބަލްކީ ގެނެސްދިން ކްރައިމް ތުރިލާ ފިލްމު ""ޗުޕް: ރިވެންޖް އޮފް ދަ އާޓިސްޓް"އިންނެވެ.
ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ޕޫޖާއަކީ ފިލްމީ ތަރިއެއްގެ އިތުރުން ފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ތަރިއެކެވެ.
ޕޫޖާ މިހާތަނަށް އުފައްދާފައިވާ ފިލްމުތަކުގެ ތެރޭ "ޖިސްމް"، "ދޯކާ"، "ޕާޕް" އަދި "ޒަޚަމް" ފަދަ ފިލްމުތައް ހިމެނެއެވެ. ޕޫޖާއަށް ނެޝަނަލް އެވޯޑު ކާމިޔާބުވެފައިވަނީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ފިލްމު "ޒަޚަމް"އިންނެވެ.