ދިވެހިންގެ އެއްބައިވަންތަކަން އާލާކުރުމުގެ މަގުސަދުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ބާއްވަމުން އަންނަ "ވަން ނޭޝަން ރާއްޖެ ޓުއާ"ގެ ޝޯއެއް ރޭ ހއ. ހަނިމާދޫގައި ބާއްވައިފި އެވެ.

ސިފައިންގެ ކްލަބުގެ އެހީތެރިކަމާ އެކު ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މިޝޯ ބައްލަވާލެއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވެސް ރޭ ވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަނިމާދޫގައި ރޭ ބޭއްވި އެ ޝޯގައި ކޮޕްސް ބޭންޑާ އެކު ރާއްޖޭގައި މިވަގުތު ތިބި މަޝްހޫރު މިޔުޒީޝަނުން ކުޅެފައިވާ އިރު ޝޯގެ ހުރިހާ މިޔުޒިކެއް ވެސް ކުޅެދީފައި ވަނީ ކޮޕްސް ބޭންޑުންނެވެ. ބޮޑު ބެރުގެ ފޯރިއާ ވެސް އެކު ޝޯ ކުރިއަށް ދިޔަ ވަގުތު ގައުމީ އެއްބައިވަންތަކަމާ ގުޅޭ ޝުއޫރު ފާޅުކުރުން ވެސް އޮތެވެ.

"ވަން ނޭޝަން ރާއްޖެ ޓުއާ ގެ ޝޯތައް މިހާތަނަށް ޏ.ފުވައްމުލަކާއި މާލޭގައި ކުރިއަށް ގެންގޮސްފައިވާއިރު ވަރަށް އަވަސް މުސްތަގުބަލެއްގައި ލ. އަތޮޅާއި ޅ. އަތޮޅުގައި ވެސް ޝޯތަކެއް ބޭއްވުމަށް ހަމަޖައްސަފައިވާ ކަމަށް ސިފައިންގެ ކްލަބުން ބުންޏެވެ.