ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު، ރަޝާ ތަޑާނީ ކެރިއަރުގެ ފުރަތަމަ ތެލުގޫ ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މި އަހަރުގެ ޖަނަވަރީ މަހު ރިލީޒްކުރި ޑައިރެކްޓަރު އަބިޝޭކް ކަޕޫރުގެ ފިލްމު "އާޒާދު"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ބަތަލާ ސޮއިކޮށްފައި ވަނީ އަޖޭ ބުޕަތީ ޑައިރެކްޓްކުރާ ލޯބީގެ ފިލްމަކަށެވެ.

އުމުރުން 20 އަހަރުގެ ބަތަލާއާއެކު މި ފިލްމުން މަޝްހޫރު ތެލުގޫ އެކްޓަރު މަހޭޝް ބާބޫއަށް ބޮޑު ބޭބެ ކިޔާ ޖަޔަ ކްރިޝްނާ ގައްޓަމަނޭނީ ވެސް ފިލްމީ ދާއިރާއަށް ތައާރަފުވާނެއެވެ.

މި ފިލްމުގެ ޑައިރެކްޓަރު އަޖޭ ބުޕަތީ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ފިލްމާ ގުޅޭ ތަފްސީލުތައް ވަރަށް އަވަހަށް އާއްމުންނާ ހިއްސާކުރާނެ ކަމަށެވެ.

ރަޝާ އޭނާގެ މަންމަ އަދި ބަތަލާ ރަވީނާ ޓަންޑަންއާއެކު-- ފޮޓޯ/ ފިލްމުފެއަ

ފިލްމު "އާޒާދު"އަށްފަހު ރަޝާ އިތުރު އެއްވެސް ފިލްމަކަށް ސޮއިކޮށްފައެއް ނުވެއެވެ. އެހެންކަމުން މި ފިލްމަކީ ބަތަލާގެ ކެރިއަރުގެ ވެސް ދެވަނަ ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝާއަށް ޕްރޮޑިއުސަރުންގެ ފަރާތުން ފުރުސަތުތަކެއް ލިބެމުން އަންނަ ނަމަވެސް ރަސްމީކޮށް އެއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެއެވެ.

އަޖޭ ބުޕަތީގެ ފިލްމުން ރަޝާ ފެންނާނެކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު އެކަން އިއުލާނު ކުރުމަށް ސޯޝަލް މީޑިއާގައި ޚާއްސަ ޕޯސްޓެއް ވެސް އޭނާ ވަނީ ކޮށްފައެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމު ގެނެސްދޭނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކަލްކީ" ގެނެސްދިން ވިޖަޔަންތީ މޫވީސްއިންނެވެ. ފިލްމު "އާޒާދު"އަށް ބޮކްސް އޮފީހުގައި ފިނި ތަރުހީބެއް ލިބުނު ނަމަވެސް ރަޝާ ފިލްމުގައި ކުޅުނު ކެރެކްޓާއަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.