ދުންފަތް ކޮންޓްރޯލް ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތް ފާހަގަކޮށް، ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެއެވެ.

ރާއްޖެއަށް ލިބިފައި ވަނީ ދުންފަތް ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތައް ދިރާސާކުރާ 'ގްލޯބަލް ސެންޓާ ފޯ ގުޑް ގަވަނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)ގެ އިންޓެގްރިޓީ އެވޯޑެވެ.

ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ، ޖެނީވާގައި ހުންނަވާ ސަފީރު ޑރ. ސަލްމާ ރަޝީދެވެ.

ޖީޖީޓީސީއިން ފާހަގަކޮށްފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ދުންފަތުގެ ނުފޫޒުން އާންމު ސިއްހަތު ރައްކާތެރިކުރުމަށް ރާއްޖެއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވެއެވެ.

އެގޮތުން ވޭޕު ރާއްޖޭގައި މުޅިން މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޓެކްސް ބޮޑުކުރުމާއި، 2006 ވަނަ އަހަރުގެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރާ ޖެނަރޭޝަނަލް ބޭން ފަދަ ސިޔާސަތުތަކުގެ ސަބަބުން 'ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް (އެފްސީޓީސީ)' ގެ ގައުމުތަކަށް ދިވެހިރާއްޖެއަކީ ނަމޫނާއެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

ވޭޕް މަނާކުރަން ސަރުކާރުން ނިންމީ އުމުރުން ވަރަށް ހަގު, ކިޔަވާ ކުދިންނާ ހިސާބުން ފެށިގެން އެތައް ދިވެހީންނެއް އެ ނުރައްކާތެރި ވަބާގައި ޖެހިފައި ވަނިކޮށެވެ. މިހާރު ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ. އެކަންކަން ކުރާ މީހުންނަށް އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނު އޮންނަ ގޮތުން މީހަކަށް ހިލޭ ވޭޕެއް ދިނަސް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވެއެވެ. ވޭޕް ބޭނުންކުރާ ކޮންމެ މީހަކު 5،000 އިން ޖޫރިމަނާ ކުރެވެއެވެ. އަދި، ވޭޕް ވިއްކައިފި ނަމަ 20،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރާއިރު ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.

ރާއްޖޭގައި ވޭޕް މަނާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްގެ ޚާއްސަ އެވޯޑެއް މިދިޔަ މެއި މަހު އެމަނިކުފާނަށް ވަނީ އަރުވައިފައެވެ.

މި ފިޔަވަޅުތަކަށް ޑަބްލިއުއެޗްއޯއިން މީގެ ކުރިން ވެސް ވަނީ ތައުރީފުކޮށްފައެވެ.

މުޅި ދުނިޔޭގައި ވެސް އީ-ސިނގިރޭޓް މަނާކޮށްފައިވަނީ އެންމެ 37 ގައުމަކުންނެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.