20 Nov 2025, 08:38
މީގެ ފަސް އަހަރު ކުރިން ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި ހޮރޯ-ކެމޮޑީ ފިލްމު "ބޫތު ޕޮލިސް"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން މި ފިލްމު މި ފަހަރު ގެނެސްދޭނީ ހޮރޯ-ކޮމެޑީ ފިލްމުތަކުން ބެލުންތެރިންގެ ތަރުހީބު ހޯދާފައިވާ ތަޖުރިބާކާރު ޑައިރެކްޓަރު ޕްރިޔާދަރުޝަންއެވެ. ބެލުންތެރިންގެ މެދުގައި މިހާރުވެސް އެންމެ މަގުބޫލު އެއް ހޮރޯ ކޮމެޑީ ފްރެންޗައިސް ކަމަށްވާ "ބޫލްބުލައްޔާ"ގެ ފުރަތަމަ ފިލްމަކީ ވެސް ޕްރިޔާދަރުޝަންގެ ފިލްމެކެވެ.
މި ފިލްމުގެ ދެވަނަ ބައިގައި ގެނެސްދޭނީ މުޅިން އާ ވާހަކައެއް ކަމަށާއި ފިލްމުގެ ކާސްޓު ވެސް ތަފާތުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ބޫތު ޕޮލިސް"ގެ މަންޒަރެއްގައި ސައިފް އަދި އަރުޖުން--ފޮޓޯ/ފޭސްބުކް
ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ވެސް ތައްޔާރުކުރުމުގެ މަރުހަލާ ފެށިފައިވާއިރު ފިލްމުގެ ކާސްޓުން ވަރަށް އަވަހަށް އިއުލާނުކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދެހާސްއެކާވީހުގައި ގެނެސްދިން ފިލްމުގެ ކާސްޓުންގެ ތެރޭ ހިމެނެނީ ސައިފް އަލީ ޚާން، އަރުޖުން ކަޕޫރު، ޖެކްލީން ފެނާންޑެޒް އަދި ޔާމީ ގޯތަމްއެވެ.
އިތުރު ހޮރޯ-ކޮމެޑީ ފިލްމަކަށް ޑައިރެކްޓަރު ޕްރިޔާދަރުޝަން ތައްޔާރުވަމުން އަންނައިރު އޭނާ މިހާރު ވެސް އަންނަނީ އެކްޓަރު ސައިފް އަލީ ޚާނާއި އަކްޝޭ ކުމާރުއާ އެކު ތުރިލާއެއްގެ މަސައްކަތް ކުރަމުންނެވެ.
އެއީ އަންނަ އަހަރު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ހައިވާން"އެވެ. މީގެ އިތުރުން، އަންނަ އަހަރު ވެސް ޕްރިޔާދަރުޝަންގެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެކަން ވަނީ އިއުލާނުކޮށްފައެވެ. އެއީ، އަކްޝޭ ކުމާރުގެ އިތުރުން ބަތަލާ ވަމީގާ ގައްބީ އަދި ތައްބޫ މުހިއްމު ރޯލުން ފެންނާނެ ފިލްމު "ބޫތު ބަންގްލާ"އެވެ.
ޕްރިޔާދަރުޝަންގެ އައިކޮނިކް ކޮމެޑީ ފިލްމުތަކުގެ ތެރޭ "ހެރާ ޕެރީ" އަދި "ހަލްޗަލް" ހިމެނެއެވެ.