ބޮލީވުޑް ބަތަލާ މަދޫރީ ޑިކްސިޓްގެ މުޅީން އާ ސީރީސްއެއް ޖިއޯ ހޮޓް ސްޓާއިން ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

"މިސިޒް ދޭޝްޕާންޑޭ"ގެ ނަމުގައި އުފައްދާ މި ސީރީސް ގެނެސްދޭނެކަމުގެ އިޝާރާތެއް ސޯޝަލް މީޑިއާގައި ދެމުން މަދޫރީ ބުނެފައިވަނީ މިކަހަލަ ސީރީސްއަކަށް އެއްވެސް މީހަކު އުންމީދު ނުކުރާ ކަމުގައެވެ.

ސޯޝަލް މީޑިއާގައި ބަތަލާ ހިއްސާކުރި ކުޑަ ޓީޒާއެއްގައި ފެންނަނީ ވަރަށް ރީތި އަގުބޮޑު ގަހަނާތަކާ އެކު ހުރި ބަތަލާ ކުއްލިއަކަށް ޖަލުގައި ކުށްވެރިން ބޭނުންކުރާ އަންނައުނުގައި ހުއްޓައެވެ.

އެހެންކަމުން މި ސީރީސްގައި ބަތަލާ ފެންނާނީ މިހާތަނަށް ކުޅެފައިނުވާ ކަހަލަ އަނދިރި ރޯލަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައެއް ފިލްމީ ޚަބަރުތައް ބުނާގޮތުން މަދޫރީގެ އާ ސީރީސްގައި ބަތަލާ ކުޅެނީ ސީރިއަލް ކިލާއެއްގެ ރޯލެވެ.

މަދޫރީގެ އާ ވެބް ސީރީސްގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/ޕިންކްވިލާ
ނުވަދިހައިގެ އަހަރުތަކުގެ ތެރޭ ބޮލީވުޑްގައި އެންމެ ވިދާލި ބަތަލާއިންގެ ތެރޭ ހިމެނޭ މަދޫރީ ވަނީ މީގެ ކުރިން ވެސް ސީރީސްއެއް ކުޅެފައެވެ. އެއީ 2022 ވަނަ އަހަރު ދަރުމާ ޕްރޮޑަކްޝަނުން ނެޓްފްލިކްސްއަށް އުފެއްދި "ދަ ފޭމް ގޭމް"އެވެ.

އޭގެ ފަހުން މަދޫރީ ވެބް ސީރީސްތަކުން ފެންނާނެ ކަމަށް ސަޕޯޓަރުން އުންމީދުކުރި ނަމަވެސް ބަތަލާގެ އާ ޕްރޮޖެކްޓެއް ފެނިފައެއް ނުވެއެވެ.

މަދޫރީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ބޫލް ބުލައްޔާ 3"އިންނެވެ. އެ ފިލްމުގައި މަދޫރީގެ ނެށުން ދައްކުވައިދިން ޚާއްސަ ލަވައެއް ހިމެނޭއިރު ފިލްމުގައި މަދޫރީގެ ރޯލް ކުޑަ ނަމަވެސް ބެލުންތެރިންގެ ތަރުހީބު ބަތަލާއަށް ވަރަށް ބޮޑަށް އެ ފިލްމުން ލިބުނެވެ.

މަދޫރީ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ބަތަލާ ތުރިޕްތީ ދިމްރީއާ އެކު ކުޅޭ ފިލްމު "މާ ބެހެން""އިންނެވެ. މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.