19 Nov 2025, 23:34
މުޅި ދުނިޔޭގައި އެންމެ މަގުބޫލު މެސެޖިން އެޕްލިކޭޝަން ކަމަށްވާ ވަޓްސްއެޕްގެ ސަލާމަތީ ނިޒާމުގައި ހުރި ނާޒުކް މައްސަލައަކާ ގުޅިގެން، 3.5 ބިލިއަނެއްހާ ފޯނު ނަންބަރުތަކާއި އެއާ ގުޅުންހުރި އެކައުންޓްގެ މައުލޫމާތުތައް ހާމަވެފައިވާ ކަމަށް އާ ދިރާސާއަކުން ހާމަކޮށްފިއެވެ.
މިއީ މިފަދަ ހާދިސާއެއްގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ޕްރޮފައިލް މައުލޫމާތު ހާމަވި ފަހަރު ކަމަށް ފާހަގަކުރެވިފައިވެއެވެ.
މި ސަލާމަތީ މައްސަލަ ހޯދާފައިވަނީ ވިއެނާ ޔުނިވާސިޓީއާއި އެސް.ބީ.އޭ ރިސާޗްގެ ދިރާސާކުރާ ޓީމަކުންނެވެ. އެ ޓީމުން ހާމަކުރި ގޮތުގައި، ވަޓްސްއެޕްގެ "ކޮންޓެކްޓް-ޑިސްކަވަރީ" ނިޒާމުގައި، ވަކި މިންވަރަކަށްވުރެ އަވަހަށް ގިނަ ނަންބަރުތައް ޗެކްކުރުން ހުއްޓުވުމުގެ ނިޒާމެއް ގާއިމުކޮށްފައި ނެތުމުން، އޮޓޮމޭޓެޑް ސިސްޓަމްތައް ބޭނުންކޮށްގެން އެއް ގަޑިއިރުގެ ތެރޭގައި މިލިއަނުން ގުނާލެވޭ އަދަދަކަށް ނަންބަރުތައް ޗެކްކުރުމުގެ ފުރުސަތު ލިބިފައިވެއެވެ.
މި މައްސަލައިގެ ސަބަބުން 3.5 ބިލިއަން ފޯނު ނަންބަރު ހާމަވިއިރު، އޭގެ ތެރެއިން 57 އިންސައްތަ އެކައުންޓްގެ ޕްރޮފައިލް ފޮޓޯ "އެންމެންނަށް" ފެންނަ ގޮތަށް ހުއްޓެވެ. އަދި 29 އިންސައްތަ އެކައުންޓުން ވަނީ "އަބައުޓް" ބައިގައި މައުލޫމާތު ލިޔެފައެވެ. މި މައުލޫމާތުތަކަކީ އާންމުކޮށް ފެންނަން ހުންނަ މައުލޫމާތުތަކެއް ކަމުގައި ވީނަމަވެސް، މިހާ ގިނަ އަދަދެއްގެ ޑޭޓާ އެއްފަހަރާ އެއްކުރެވުމަކީ ބޮޑު ސަލާމަތީ ނުރައްކަލެއް ކަމަށް ދިރާސާކުރި ފަރާތްތަކުން އިންޒާރުދެއެވެ.
މި މައްސަލަ ދިރާސާކުރާ ފަރާތްތަކުން ވަޓްސްއެޕްގެ މައި ކުންފުނި، މެޓާއަށް ހުށަހެޅުމުން، އެ ކުންފުނިން ވަނީ މިދިޔަ އޮކްޓޯބަރު މަހު މި މައްސަލަ ހައްލުކޮށްފައެވެ.
މެޓާއިން ބުނީ ހާމަވެފައިވަނީ އާންމުކޮށް ލިބެން ހުންނަ އަސާސީ މައުލޫމާތުތަކެއް ކަމަށާއި، މެސެޖުތަކުގެ ކޮންޓެންޓް ނުވަތަ އެހެން އެއްވެސް ޕްރައިވެޓް މައުލޫމާތެއް ހާމަވެފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، މި ދިރާސާގެ ތެރެއިން ވަޓްސްއެޕް ބޭނުންކުރުން މަނާކޮށްފައިވާ ގައުމުތަކުގެ މިލިއަނުން ގުނާލެވޭ އެކައުންޓްތައް ވެސް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ޗައިނާގެ 2.3 މިލިއަން، މިޔަންމާގެ 1.6 މިލިއަން، އަދި އީރާނުގެ 60 މިލިއަނެއްހާ ވަޓްސްއެޕް އެކައުންޓް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ވަޓްސްއެޕަކީ އޭގެ މައި ކުންފުނި، މެޓާ (ކުރީގެ ފޭސްބުކް) ގެ މިލްކުވެރިކަމުގެ ދަށުން ހިންގާ އެޕްލިކޭޝަނެކެވެ. މީގެކުރިންވެސް މެޓާއަށް ވަނީ ޔޫޒަރުންގެ ޑޭޓާ ރައްކާތެރިކުރުމުގައި އިހުމާލުވެފައިވާ ކަމުގެ ތުހުމަތުތަކެއް ކުރިމަތިވެފައެވެ.
"ކޮންޓެކްޓް-ޑިސްކަވަރީ" ނިޒާމުތަކުގެ ސަލާމަތީ ބަލިކަށިކަމަކީ ގިނަ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކަށް ދިމާވާ އާންމު މައްސަލައެކެވެ. މިފަދަ "ޑޭޓާ ސްކްރޭޕިން" ހާދިސާތަކުގެ ސަބަބުން، ހާމަވާ މައުލޫމާތުތައް ބޭނުންކޮށްގެން އޮޅުވާލުމުގެ މެސެޖުތައް (ފިޝިން) ފޮނުވުމަށާއި، ސްޕޭމް ކުރުމަށާއި، އަދި އެހެނިހެން ސައިބާ ކުށްތަކަށް މަގުފަހިވެއެވެ. އެހެންކަމުން، މެސެޖުތަކުގެ ކޮންޓެންޓް ހާމަނުވި ނަމަވެސް، މިހާ ގިނަ އަދަދެއްގެ ފޯނު ނަންބަރު އެއްފަހަރާ ހާމަވުމަކީ ސައިބާ ސަލާމަތީ ދާއިރާގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.