މީހެއްގެ ގަޔަށް ޖަހަން ގެންގުޅުނު ކަމަށް ބުނާ ކަޓަރަކާ އެކު ގްރޫޕު މާރާމާރީއެއްގައި ހިމެނޭ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ގްރޫޕު މާރާމާރީގައި ހިމެނޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހަކާއި އުމުރުން 34 އަހަރުގެ މީހެކެވެ.

އިއްޔެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައިރު، ދެ މީހުންގެ މައްޗަށް ވެސް ކޮށްފައިވަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު އަދި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ތުހުމަތެވެ.

މި ދެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުން ދުއްވާފައިދިޔަ ސައިކަލުގެ މަޑި ދަށުން ކަޓަރެއް ފެނިފައިވެއެވެ. މި ކަޓަރަކީ މީހެއްގެ ގަޔަށް ޖަހަން ގެންގުޅުނު އެއްޗެއް ކަމަށް އެ ތަނުން އެކަކު ސީނުގައި ބުނެފައިވާ ކަމަށް ބަންދު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި ދެ މީހުންގެ ބަންދަށް ކޯޓުންވަނީ ހަތް ދުވަސް އިއްޔެ ޖަހައިފައެވެ.

ގްރޫޕް މާރާމާރީއާ ގުޅުން ހުރި ދެ މީހަކު ހައްޔަރުކޮށް، އިއްޔެ ބަންދު މުއްދަތު ޖަހާފައިވާއިރު، ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށާއި އެހެންކަމުން ކޯޓަށް ގޮސް ގޭންގުގެ ގޮތުގައި ކަނޑައަޅާނެ ބަޔަކު ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ހަފުތާގައި ވިދާޅުވެފައެވެ.

މި ސަރުކާރުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ހަދައިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ގޭންގުތަކުގެ އަދަދު އެ މަނިކުފާނު ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުގައި އެއްސެވި ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ގޭންގުތަކުގެ ގޮތުގައި ކިޔޭނެ ގުރޫޕުތައް ވަރަށް މަދުވެއްޖެ ކަމަށް އިހުސާން ވިދާޅުވި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގޭންގުތަކަށް ހުރަސްތައް އަޅައި ބޮޑެތި އަދަބު ދޭން ކަނޑައެޅީ، ޒުވާނުން ސަލާމަތް ކުރުމަށް ކަމަށެވެ.