23 Aug 2012, 11:40
ނެހެރޫ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އަވައްޓެރި ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ނުކުންނާނީ ރަނގަޅު ނަތީޖާއެއް ހޯދުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް ޓީމުގެ މެނޭޖަރު އިބްރާހިމް އާމިރު (ސަލްސާ އާމިރު) މިއަދު ބުނެފި އެވެ.
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ރާއްޖެއާ ދެކޮޅަށް ނޭޕާލް ބައްދަލުކުރާ މެޗް ފަށާނީ ރާއްޖެ ގަޑިން މިއަދު 18:30 ގައެވެ.
ނޭޕާލާ ދެކޮޅަށް ނިކުތުމުގެ ކުރިން ނިއު ދިއްލީގައި ހުރެ މިއަދު "ސަންއޮންލައިނާ" ފޯނުން ވާހަކަދައްކަމުން މެނޭޖަރު އާމިރު ބުނީ، މިއަދުގެ މެޗަށް ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ. އަދި މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ޓީމުން އިއްޔެ ވަނީ ދިއްލީގައި ފަރިތަކުރުމެއް ވެސް ބާއްވާފަ އެވެ.
"ހުރިހާ ކުޅުންތެރިން ވެސް ތިބީ ފިޓްކޮށް. ރަނގަޅު ނަތީޖާއަކަށް އުންމީދުކޮށް އެކަން ކުރުމަށް. ނޭޕާލަކީ ވެސް ބަލިޓީމެއް ނޫން. މި އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ނޭޕާލް އަތުން 1-0 ލަނޑުން ރާއްޖެ މޮޅުވެފައިވުމަކީ ވެސް ޓީމަށް ލިބުނު އިތުރު ހިތްވަރެއް،" މެނޭޖަރު އާމިރު ބުންޏެވެ.
މީގެއިތުރުން ރާއްޖެ ވަނީ 2011 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާ ބައްދަލުކުރި މެޗު 1-1 ލަނޑުން އެއްވަރުވެފަ އެވެ. އަދި 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ދެ ޓީމު ބައްދަލުކުރި މެޗު ނިމިފައި ވަނީ 1- 1 އިން އެއްވަރުވެގެންނެވެ. ދެން ނޭޕާލް އަތުން ރާއްޖެ މޮޅުވެފައި ވަނީ 4-1 ލަނޑުން، 2008 ވަނަ އަހަރު ބޭއްވީ ސާފްޗެމްޕިއަންސިޕްގަ އެވެ.
އާމިރު ބުނީ، މެޗަށް ނިކުންނައިރު އިންޑިޔާގެ މޫސުން މިއަދު އެހާ ރަނގަޅު ނޫން ކަމަށާއި އެގޮތުން އުޑުމަތި އޮތީ ބަނަކޮން ކަމަށެވެ. އަދި ޓީމްގެ ޑޮކްޓަރު އަހުމަދު ސަކީބް ބައްޕަ މީގެ ދެ ދުވަސް ކުރިން ނިޔާވުމާއި ގުޅިގެން އެކަމުގެ ފުންހިތާމާގައި ގައުމީ ޓީމް ނުކުންނާނީ ކަޅު ބޭންޑެއް އަތުގައި އަޅައިގެން ކަމަށް ވެސް އާމިރު ބުންޏެވެ. ސަކީބުގެ ބައްޕަ ނިޔާވިއިރު އޭނަ ހުރީ ޓީމާއެކު ދިއްލީގައެވެ.
ނެހުރޫ ކަޕަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރުބާނީ ނެގި ސްކޮޑުން މިފަހަރު ބާކީވި މުހިންމު ކުޅުންތެރިންގެ ތެރޭގައި އަނިޔާގައި ހުރި ނިއުގެ ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ތޯރިގް (ޓޮމް) އާއި ވީބީގެ އަހުމަދު ނާޝިދު (ނާއްޓޭ) އާއި ފައިރުޒް އާދަމް ސަމީރާއި އީގަލްސްގެ މުހުތާރު ނަސީރު (ޓޫކިލޯ) އަދި ކީޕަރު މުހައްމަދު ޔަމާން ހިމެނެ އެވެ.
އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ބާއްވާ މިމުބާރާތުގައި ރާއްޖެ ފުރަތަމަ މެޗު މިއަދު ނޭޕާލާ ދެކޮޅަށް ކުޅޭއިރު، ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ މުބާރާތް ބައްވާ ގައުމު ކަމަށްވާ އިންޑިޔާއާ ދެކޮޅަށެވެ. މިމެޗް ކުލޭނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ސީރިއާއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އަދި ލީގު ބުރުގައި ރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫނާ ދެކޮޅަށެވެ. މިމެޗު ވެސް ކުޅޭނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.
މުބާރާތް އިއްޔެ ހުޅުވުމުގެ ގޮތުން އިންޑިޔާއާ ދެކޮޅަށް ސީރިޔާ ކުޅުނު މެޗް ނިމުނީ 2-1 ލަނޑުން އިންޑިޔާ ކުރީގައި އޮވެގެންނެވެ.
ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި ކެމަރޫން އަދި ސީރިއާ ވާދަކުރާ މި މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލަށް ދަތުރު ކުރާނެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ. އަދި ރާއްޖެ ކުޅޭ މެޗްތައް ޓީވީއެމްއިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މި އަހަރު ރާއްޖޭން ވާދަކުރާނެ ހަމައެކަނި ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަށްވާ އިރު ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.