ކުރީ ސަރުކާރުން ޓެކްސީ ދުއްވަން ކާރު ގަންނަން ތައާރަފުކުރި 'ޓެކްސީ ނަފާ ލޯނު'ގެ ދަށުން ގެނައި ކާރުތައް ރަޖިސްޓްރީ ނުކުރެވި އަހަރެއް ވެގެން ގޮސް އޭގެ ބޭނުން ނުކުރެވި އޮއްވައި، ޑްރައިވަރުންނަށް ލޯނަށް ފައިސާ ދައްކަން ޖެހުމަކީ 'ސްކޭމް'އެއް ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު ބުނެފިއެވެ.

ކުރީގެ އެސްޑީއެފްސީ ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލްއިން މި ލޯނު ތައާރަފުކުރީ ސެޕްޓެމްބަރު 04، 2023ގައެވެ. ނަމަވެސް އެ ލޯނަށް އެދުނު މީހުންނަށް ފައިސާ ޖަމާވެފައި ވަނީ މި ސަރުކާރު އައިސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށެވެ.

ނަމަވެސް އެ ލޯނުގެ ދަށުން ޑްރައިވަރުން ގަތް ކާރުތައް ރަޖިސްޓްރީ ނުކުރެވި އަދި އަދަށް ވެސް ކާރުތައް ބޭނުންނުކުރެވޭ ކަމުގެ ޝަކުވާ އޮތީ ބޮޑުވެފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އެކަމުގައި ޓެކްސީ ޑްރައިވަރުން އިހުތިޖާޖު ކުރިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރައިވާސް އެސޯސިއޭޝަންގެ ފަރާތުން ވާހަކަދައްކަވަމުން އިބްރާހީމް ނިޔާޒު ވިދާޅުވީ ލޯނު ނަގައިގެން ކާރު ގަތް ޑްރައިވަރުންނަށް ކާރު ލޮލަށް ނުފެނި އަދި އެ ކާރު ރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން ބޭނުން ކުރެވޭނެ ހާލަތެއް ވެސް ނެތް ކަމަށެވެ. ނަމަވެސް އިއްޔެ ބައެއް ޓެކްސީ ޑްރައިވަރުންގެ ބޮލުގައި 179،000 ރުފިޔާގެ ލޯނެއް އަޅުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަންބޮޑުވުން ފާޅުކުރައްވައި ނިޔާޒު ވިދާޅުވީ މިއީ ހަގީގަތުގައި ދައުލަތުގެ މުއައްސަސާތަކުން ޓެކްސީ ޑްރައިވަރުންނާ ދޭތެރޭ އިހާނެތިކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"މިއީ ހަގީގަތުގައި ވަރަށް ބޮޑު ސްކޭމެއް. ސަރުކާރުން ޖަވާބުދާރީވާންޖެހޭނެ. ސަރުކާރުން މިކަމަށްހައްލެއް ހޯދަން އެބަޖެހޭ،" ނިޔާޒު ވިދާޅުވިއެވެ.

ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިޔާޒު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ޑްރައިވަރުންގެ ކަންބޮޑުވުންތައް ހިއްސާކޮށް ރައީސަށް ސިޓީ ވެސް އެ އެސޯސިއޭޝަންގެ ފަރާތުން ވަނީ ފޮނުވައިފައެވެ. ނަމަވެސް ރައީސަށް ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވާނެ ވަގުތެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިއީ ޓެކްސީ ޑްރައިވަރުން ބިކަކޮށް، އެއްފަރާތް ކޮށްފައިވާ ސަރުކާރެއް ކަމަށާއި ސަރުކާރުގެ އެ އަމަލަކީ ރައްޔިތުން ސްކޭމްކޮށްގެން އެމީހުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގައި ކޯޓަށް ދާންޖެހިއްޖެ ހާލަތުގައި ކޯޓަށް ވެސް ދާނެ ކަމަށް ނިޔާޒު އިތުރަށް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ޓެކްސީ ފްލީޓެއް ތައާރަފު ކުރަން އުޅޭއިރު އެކަމުގެ ކަންބޮޑުވުން ޓެކްސީކުރާ ޑްރައިވަރުން ފާހަގަކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ.

އެކަމުގައި ނިޔާޒު ވަނީ ސަރުކާރުގެ ޓެކްސީ ފްލީޓުގައި ގެންނަ ކާރުތައް ރަޖިސްޓްރީކުރަނީ ކޮންތަނަކުތޯ ސުވާލު އުފައްދަވައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްސީ ނަފާ ލޯނުގެ ދަށުން ކާރު ލިބިފައިވާ މީހެއް ކަމަށްވާ އާދަމް ސަލީމް ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން 44 އާއިލާއެއް ބީއެމްއެލްގެ ލޯނެއްގެ ތެރޭގައި ތާށިވީއެވެ.

"ލޯނުން މަހަކު 7،000 ކެނޑޭ ގޮތަށް. އެކި ބޭފުޅުންނަށް އެކި ވަރަށް. އޭގެ ތެރޭގައި ކާރު ނުލިބޭ ފަރާތްތައް ވެސް އެބަ ހިމެނޭ. އިއްޔެ އެސްއެމްއީއިން ބުނީ ކާރު ނެތްކަމުގައި ވިޔަސް ލޯނު ދައްކަން ޖެހޭނެއޭ. ކެންސަލްކޮށްލަން ވިޔަސް ކާރު އެމްވީއަށް ޖަމާކޮށްފައިވާ ފައިސާއަށް ޒިންމާވާންޖެހޭނެއޭ. ތިބޭފުޅުން ލޯނު ދައްކަން ޖެހޭނެއޭ،" ނުރުހުން ފާޅުކުރައްވައި އޭނާ ވިދާޅުވިއެވެ.

"މި ވެފަ އިން ގޮތަކީ ކާރު ނުލިބި، ލޯނު ދައްކަންޖެހި، ފައިދާއެއް ނެތް ގެއްލުންހުރި އެއްޗެއް ލިބިގެން މިއުޅެނީ. ދައުލަތުގެ އެއްވެސް ތަނަކުން މިއަދު ނެތް އެ މައްސަލަ ބެލޭކަށް. ފުލުހަށް ދިޔާމަ ބުނީ އޭސީސީއަށް ދިޔުމަށް. ނަމަވެސް ބޭނުންވާނަމަ ޖިނާއީ ތަހުގީގެއް ގޮތުގައި ހިންގައިދޭނަމޭ ތަހުގީގެއް. މިއީތޯ އަޅުގަނޑުމެންނަށް އޮތް އިންސާފަކީ މިއަދު؟" އާދަމް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެމްޓީސީސީގެ ފްލީޓަށް ގެންނަ އެހެނިހެން އުޅަނދުތައް ރަޖިސްޓްރީކުރެވޭ އުސޫލުން ޓެކްސީ ޑްރައިވަރުން ގެންނަ ކާރުތައް ވެސް ރަޖިސްޓްރީ ކުރެވެންޖެހޭނެއެވެ.

މި މައްސަލައިގައި މީގެ އަހަރެއް ކުރިން ވެސް ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކޮށްފައިވެއެވެ. އެގޮތުން ޑްރައިވަރުންގެ އެއްވެސް ކަންބޮޑުވުމަކަށް މިހާތަނަށް ހައްލެއް ނުލިބޭ ކަމަށް އޭރު ވެސް ޑްރައިވަރުންގެ އެސޯސިއޭޝަނުން ބުންޏެވެ.